ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ފްލޮރ ކްރޮސް ކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ފާސްކުރި އެންޓި-ޑިފެކްޝަން ބިލް އުވާލަން 17/37 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފި އެވެ.
ޕީޕީއެމުން މަޖިލީހަށް ވައްދައިގެން ފާސްކުރި ބިލް އުވާލަން މަޖިލީހަށް ވެއްދީވެސް ޕީޕީއެމުގެ މެންބަރެކެވެ. ޕީޕީއެމްގެ ޑިޕިޔުޓީ ޕީޖީ ލީޑަރު، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުއެވެ. މިރޭގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން 37 މެންބަރުން ވޯޓުދީފައިވަނީ ބިލް އުވާލުމަށެވެ. ޕީޕީއެމްގެ 17 މެންބަރަކު ވޯޓުދީފައިވަނީ ބިލް ފާސްނުކުރުމަށެވެ.
މަޖިލީހުގައި ބިލުގެ ބަހުސް ކުރިއަށް ގެންދިއައިރު ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުގެ ގިނަ މެންބަރުންވެސް ވާހަކަ ދައްކާފައިވަނީ ބިލާއި ދެކޮޅަށެވެ. ޕީޕީއެމަށް ނިޞްބަތްވާ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވެސް ވިދާޅުވީ މިއީ ޤާނޫނު އަސާސީ އާއި ޚިލާފަށް ފާސްކޮށްފައިވާ ބިލެއް ކަމަށާއި ބިލާއި އަބަދުވެސް ދެކޮޅު ކަމަށެވެ.
ހަމަ ޕީޕީއެމަށް ނިޞްބަތްވާ މަޖިލީހުގައި އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިންވެސް ވިދާޅުވީ މިއީ ވަރަށް ގިނަ ކަންތައްތަކެއް އުނި އަދި މެންބަރުންގެ ޙައްޤުތައް ވަރަށް ބޮޑަށް ގެއްލޭ ގޮތަށް ފާސްކޮށްފައިވާ ބިލެއް ކަމަށެވެ.