ސްޕްރީމް ކޯޓުން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އިއްޔެ މިނިވަން ކުރެއްވުމުން ފުރަތަމަ ޒިޔާރަތް ކުރެއްވި ޢާއިލާއަކަށް ހެއްދެވީ ޖަލުގައި ހުއްޓާ ބަލިވުމުން ބޭސްފަރުވާ ކޮށް ނުދިނުމުން ނިޔާވި ޢަބްދުﷲ ރަޝީދުގެ ޢާއިލާއެވެ.
ޢަބްދުﷲ ރަޝީދު ބަންދުކުރީ 2015 ވަނަ އަހަރުގެ މޭޑޭގެ ހަރަކާތަތަކާއި ގުޅުވައިގެންނެވެ. ޢެނާ ނިޔާވީ ބަލިވެ، ބަލި ބޮޑުވުމުން ބޭސްފަރުވާކޮށް ނުދިނުމުންނެވެ. ގޮޅީތަކުގައި ތިބި ޤައިދީންވެސް އޭނާގެ ޙާލު ބަޔާންކޮށް އޭނާއަށް ބޭސްފަރުވާކޮށްދިނުން އެދި އާދޭސްކޮށް ސަލާންޖެހިއެވެ. ގޮޅީގައި ދެން ތިބި ޤައިދީންގެ ޕްރެޝަރު ބޮޑުކުރުމުން ފަރުވާ ދިނުމުގެ ނަމުގައި ބޭރަށް ނެރެ ސެކިޔުރިޓީ ޕޯސްޓްގައި ބޭއްވުމަށްފަހު އެއްވެސް ފަރުވާއެއް ނުދީ އަނބުރާ ގޮޅިއަށް ވެއްދުން ފަދަ ކަންކަންވެސް ވަނީ ކޮށްފައެވެ.
ޝައިޚް އިމްރާން ރޭ ވިދާޅުވީ އެދުވަހުގެ މުޒާހަރާ އާއި ގުޅުވައިގެން ޖަލުގައި ބަންދުކޮށްފައިވާ އެނެމެން މިނިވަން ވުމުން ނޫނީ އެމަނިކުފާނަށް މިނިވަންކަން ލިބިވަޑައިގެންނެވި ކަމަށް ޤަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ. އަދި އެ އެންމެން މިނިވަން ކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.