މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ކ.ކާށިދޫން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ރޭ ފަތިހު 05:38 ހާއިރު މަގުމަތިންނެވެ. އަދި މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 59 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
ހަށިގަނޑު ބަލާފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުގައި އޮތް ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 59 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަޙްޤީޤް ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މިމައްސަލަ ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.