އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައިގެ ތަޙްޤީޤަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ހޯދުމުގެ މަސައްކަތް އޭސީސީ އިން ފެށުމާއިއެކު ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް ކުރީގެ ނައިބްރައީސް އަހްމަދު އަދީބުގެ ބޭސްފަރުވާ މުހިންމުވެއްޖެއެވެ.
އަދީބުގެ ބޭސް ފަރުވާއަށް ގޮވާލައި މެންބަރު މުބީން އާއި މެންބަރު ޔާމީން ރަޝީދު މިހާރުވެސް ވަނީ ޓްވީޓްކޮށްފައެވެ. ހަމަ އެއާއިއެކު ރައީސް ޔާމީން އިއްޔެ ދެފަހަރެއްގެ މަތިން ސެނެހިޔާ ހޮސްޕިޓަލަށް ވަޑައިގެންނެވި ވާހަކަތަކެއް ވަނީ ފެތުރިފައެވެ.
އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވައިގެން ޢާއިލާއިން އެކަމަށް އެދި ކަމާއިބެހޭ މުއައްސަސާތަކުގައި ސަލާންޖަހާތާ 2 އަހަރަށްވުރެ ގިނަވީއެވެ. އިއްޒަތްތެރި މެންބަރުން ހަމަ ފުރިހަމަ އާރާއި ބާރުގައި އިއްޒަތްތެރިކަންމަތީގައި ތިއްބެވިއެވެ. ޓްވީޓެއް ކޮށްލައްވަން 5 ސިކުންތު ލިބިވަޑައިގެންނެވި ކަމަކަށް ނުވެއެވެ. އަދީބުގެ ޢާއިލާގެ ރުއިމުގެ އަޑުވެސް އިވިވަޑައިގެންނެވި ކަމަކަށް ނުވެއެވެ.
ގިނަ ބައަކު ބުނަނީ މިފެންނަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. ހޭލުންތެރިވާން ޖެހޭނެ ކަމަށެވެ. ނޫންނަމަ ފެނިގެންދާނީ ވަރަށް ތަފާތު ކަންތައްތަކެއް ކަމަށެވެ.