އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން މިދިޔަ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ލެޕްޓޮޕްތަކެއް ވަގަށް ނެގި މައްސަލައާއި ގުޅިގެން އަށް މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ތިން ދިވެހި ފިރިހެނަކާއި ފަސް ބިދޭސީއެއް ކަމަށެވެ. އައިޔޫއެމް ގެ ހަތަރުވަނަ ފަންގިފިލާއިން ވައްކަން ކުރި މައްސަލައާއި ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަންގެ ދަށުން، ވަގަށް ނެގި ލެޕްޓޮޕްތަކަކާއިއެކު އެހެނިހެން ބައެއް އިލެކްޓްރޯނިކް ސާމާނު ވެސް ހޯދިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ތިން ދިވެހި ފިރިހެނުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހާފައިވާއިރު، ހައްޔަރުކުރި ފަސް ބިދޭސީންނަކީ ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި ރާއްޖޭގެ އެހެނިހެން ގާނޫނުތަކާއި ޚިލާފަށް އުޅޭމުންދާ ބަޔަކަށްވާތީ، އިމިގްރޭޝަނާއި އެމީހުން ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އައިޔޫއެމް އިން ވަގަށް ނަގާފައިވަނީ އެޔުނިވާސިޓީގެ އިމްތިހާނު ޕޭޕަރުތައް ތައްޔާރު ކުރުމަށް ބޭނުން ކުރަމުން ދިޔަ ލެޕްޓޮޕްތަކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.