"ހުޅުމާލޭގައި ގެދޮރު އޮޅަން މިޖެހުނީ ޑރ. މުޢިއްޒު ދޫކުރެއްވި ސްލިޕްކޮޅުގައި" ކަމަށް ފޯމް ހުށަހެޅުމުން ސްލިޕްކޮޅު ލިބިފައިވާ ބައެއް މީހުންނާއި 3 ދުވަހު ކޮޅަށް ހުރެގެން ފޯމު ހޯދަން ނަމްބަރު ހޯދި ބައެއް މީހުން ބުނަމުން އެބަގެންދެއެވެ.
އެމީހުން ބުނަކީ ރައްޔިތުންނަށް އަވާމެންދުދައްކައި "ގަންހިންގުވުމަށްފަހު" ހުޅުމާލެއިން 400 ގޯތި ވިއްކުމުގެ ކަންކަން މިހާރު ވަނީ ހުއްޓާލާފައި ކަމަށެވެ. "އެކަން ހުއްޓައިލި ކަމަށް ބެލެވެނީ "އަންނަ އާދީއްތަ ދުވަހު" އެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދަން ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޢިއްޒު ވިދާޅުވިފަހުން އެތައް އާދީއްތަ ދުވަހެއް ފާއިތުވި އިރުވެސް އެކަމާއިބެހޭ އެއްވެސް ކަމެއް އެޗްޑީސީން މިއަދާއި ހަމައަށްވެސް ކޮށްފައި ނުވާތީ. ފޯމު ނަގަން ދޫކުރި ސްލިޕްކޮޅު ޖީބަށް ލައިގެން އަދިވެސް އަހަރެމެން މިތިބެނީ ފޯމު ބަލައިދާން އަންގާނެ ވަގުތެއްގެ އިންތިޒާރުގަ."
މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ލިބޭތޯ އެޗްޑީސީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ޖަވާބެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފަހުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މާލެ އާއި ހުޅުމާލޭގެ ބިމުގެ އަގު މިހާރު ހުރި ވަރަށް ބަލާއިރު ހިލޭ ފަދަ އަގެއްގައި 400 ގޯތި ހުޅުމާލެއިން ވިއްކަން ސަރުކާރުން ނިންމައި ފޯމު ދޫކުރަން ފެށުމުން އެތައް ސަތޭކަ ބައަކު ވަނީ ރޭގަނޑާއި ދުވާލު ވިއްސާރައަށް ވެސް ބެލުމެއް ނެތި ކިޔޫގައި ތިބެފައެވެ. އަދި ބައެއް މީހުންވަނީ 5000 ރުފިޔާއާއި 10،000 ރުފިޔާ އާއި ދެމެދުގެ އަގުތަކަށް ނަމްބަރު ގަނެފައެވެ.