ރައީސް ޔާމިންގެ ގެކޮޅުގެ މަސައްކަތް މެކުހަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރައީސް ޔާމިންގެ ގެކޮޅުގެ މަސައްކަތް މެކުހަށް!

ކުރިގެ ރައީސް އަބްދު ﷲ ޔާމިން އަބްދުލް ޤައްޔޫމް، ހެންވެއިރުކޮޅުން ބައްލަވައިގަތް ބިމުގައި އިމާރާތް ކުރަމުންދާ ގޭގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް އެބަދެއެވެ.

 

ފުރަތަމަ ތިން ފަންގިފިލާގެ މަސައްކަތް އަވަސް މުއްދަތެއްގައި ނިންމުމަށް ޓާގެޓުކޮށްފައި ވާކަން މަސައްކަތް ދާ ސްޕީޑުން ފާހަގަކުރެވެއެވެ. ނަމަވެސް، ހިތާމައަކީ ސައްވީސް ގަޑިއިރުން ބޮޑު ބައެއްގައި އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން ކައިރީގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫ ވަމުން ދާ ކަމެވެ.

 

ނަން ހާމަނުކުރުމަށް ޝަރުތުކޮށް މައުލޫމާތު ދެމުން، އެއިމާރާތާއި ދާދި ކައިރީގައި ހުރި އިމާރާތެއްގައި ދިރިއުޅޭ މީހަކު ބުނީ، ގިނަ ވަގުތު މަސައްކަތް ކުރާތީ އުނދަގޫ ވަމުން ދާ ކަމަށެވެ. "ބޮޑު ފަތިހާ އިވޭނެ ތަޅާއަޑު، ދެން ދަނވަރު ދޭއް ތިނެއް ޖަހާއިރުވެސް މިހާރު އެއަޑެއް ނުކެނޑެ.. އެހެން ބަޔަކު ކުރާ ކަމެއް ނަމަ ފުލުހުން އައިސް ހުއްޓު ވާނެ.." ވަރަށް ހިތްހަމަ ނުޖެހި ހުރެ އޭނާ ބުންޏެވެ.

 

އޭނާ ބުނި ގޮތުގައި، ފަތިހު 5 ޖަހާ އެހާއިރު މަސައްކަތް ފަށާ ގޮތަށް ގިނަ ރޭރޭ 3 ޖަހާ ބޮޑުވާ އިރުވެސް މަސައްކަތް ނުނިމެއެވެ. ''މަސައްކަތް ކުރުން އޯކޭ، ދެން މިވަރު ތަންކޮޅެއް ބޮޑު ދޯ؟ އެހެން މީހުނަށް ވެސް ވިސްނަން ވާނެތާ، ތުއްތު ކުދިން އެ ތިބެނީ ނުނިދާ، ނިދުނަސް ބައެއް ފަހަރު ސިހިފައި އެބަ ހޭލެވޭ، އެހާ އަޑުގަދަ'' އޭނާ އިތުރަށް ބުންޏެވެ.

 

މިހިސާބުގައި ދިރި އުޅޭ ދެތިން މީހަކާ ވާހަކަ ދައްކާލުމުން އެންމެން ވެސް ފާހަގަ ކުރީ ހަމަ އެއް ވާހަކަތަކެކެވެ.

 

 

މިއަދު އޮންލައިން