ހުވާކުރާ ރަސްމިއްޔާތަށް އެގާރަހާސް މީހުންނަށް ދައުވަތުދީގެން ވީހައި ކުލަގަދަ ރަސްމިއްޔާތެއް ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހުވާކުރާ ރަސްމިއްޔާތަށް އެގާރަހާސް މީހުންނަށް ދައުވަތުދީގެން ވީހައި ކުލަގަދަ ރަސްމިއްޔާތެއް ބާއްވަނީ

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރައްވާ ރަސްމިއްޔާތަށް 11،000 - 10،000  މީހުންނަށް ދައުވަތުދީގެން ވީހައި ކުލަގަދަ ރަސްމިއްޔާތެއް ބާއްވަން މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސާ މަނިކު މިއަދު ވިދާޅުވީ މިއަހަރަކީ ދިވެހި، ދުވަނަ ޖުމްހޫރީ ވެރިކަމަށް 50 އަހަރު ފުރޭ އަހަރުކަމަށްވުމުން މިރަސްމިއްޔާތު ވީހައި ކުލަގަދަކޮށް ބާއްވަވަން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމަށް ކުރެވޭ މަސައްކަތްތައް ދަނީ ބާރަށް ކުރެވެމުން ކަމަށެވެ.

 

މޫސާ މަނިކު ވިދާޅުވީ ކޮންމެހެން ދައުވަތުދޭން ބޭނުންވާ ފަރާތްތަކަށް ދައުވަތު ދިނުމަށްފަހު އިތުރަށް ހުންނަ ޖާގަތައް ސިޔާސީ ޕާޓީތަކާއި ހަވާލުކުރެވޭނެ ކަމަށެވެ. "މީގެ ކުރިންވެސް ދައުވަތު ދީފައިވާ ފަދައިން ވީހައި ގިނަ އިއްޒަތްތެރިންނަށް މިފަހަރުވެސް ދައުވަތު ދޭނެ. ބޭރުން ވަޑައިގަންނަވާ ހުރިހާ އިއްޒަތްތެރިންނަށް ދައުވަތު އެރުވޭނެ."

 

މޫސާ މަނިކު ވިދާޅުވީ މިއީ ރައްޔިތުން އިންތިޚާބުކުރި ރައީސް ހުވާކުރައްވަން ބާއްވާ ރަސްމިއްޔާތު ކަމަށްވުމުން މަޖިލީހުގެ އިތުރުންވެސް މުއައްސަސާތަކުންނާއި ވީހައި ގިނަ އަދަދެއްގެ ރައްޔިތުން މިކަމުގައި ބައިވެރިވެ ވީހައި ކުލަގަދަކޮށް ރަސްމިއްޔާތުގެ ކަންކަން ކުރިއަށް ގެގޮސް ދިނުމަށް މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އެދިވަޑައިގަންނަވާ ކަމަށެވެ.

 

"މަޖިލީހުގެ މެންބަރުންވެސް އެކަމަށް އެދޭ. މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރަން ވީހައި ގިނަ ޤައުމީ ދިދަ ބޭނުންކުރުމާއި ޝިޢާރު ފައުޅުކުރުން ކުރިއަށް ގެންދިއުމާއި އަދި އެނޫންވެސް ދުވަހާއި ގުޅޭ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންގޮސްދިނުމަށް މިއެދެނީ." މޫސާ މަނިކު ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން