އެއްވެސް ކޯޓެއްގެ އަޑުއެހުންތަކަށް ރާއްޖެ ޓީވީ ނުވެއްދުމަށާއި، ޝަރުއީ ދާއިރާގެ އެއްވެސް ހަރަކާތެއް ކަވަރު ކުރުމަށްވެސް ރާއްޖެ ޓީވީއަށް ފުރުސަތު ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
އެކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ރާއްޖެޓީވީ ޝަރުއީ ދާއިރާގެ ހަރަކާތްތަކުން ސަސްޕެންޑު ކޮށްފައިވަނީ 31 އޮކްޓޯބަރ 2018 ވަނަ ދުވަހު ހެނދުނު އެސްޓޭޝަނުން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމުގައި ކޯޓުތަކުގެ ފަނޑިޔާރުން، ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭފަދަ ކޮންޓެންޓްތަކެއް ގެނެސްދީފައިވާތީ ކަމަށެވެ.
ރާއްޖެޓީވީން ގެނެސްދިން އެޕްރޮގްރާމުގައި ގެނެސްދިން ކޮންޓެންޓް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބަލަމުންދާތީ، އެސްޓޭޝަން ސަސްޕެންޑު ކޮށްފައިވަނީ އެމައްސަލައިގައި ގޮތެއް ނިންމަންދެން ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
ސުޕްރީމް ކޯޓަށް ފާޑުކީ ބައެއް ފަރާތްތައް ސަސްޕެންޑު ކުރަމުންދާއިރު، ދާދި ފަހުން އެކޯޓުން ވަނީ ދިވެހި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ވަކާލާތު ކުރެއްވުމާއި ގުޅިގެން މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް، ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގައި ވަކާލާތު ކުރުމުން ސަސްޕެންޑު ކޮށްފައެވެ.