ހުޅުމާލޭގައި ކުޑަކުއްޖަކު ރޭޕް ކޮށްލި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ކިޔުމަށް ހޭދަވާނީ 53ސ
ހުޅުމާލޭގައި ކުޑަކުއްޖަކު ރޭޕް ކޮށްލި ކަމަށް ބުނާ މައްސަލައެއް ބަލަނީ

މިމަހުގެ 2 ވީ ހުކުރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ހުޅުމާލޭގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާާޅުވެފައިވަނީ ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް އެނގިފައެއް ނެތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށެވެ. މިބަދްއަޚްލާޤީ އަމަލު ހިންގުމުގައި އެކަކަަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށާއި އެމީހުން އެކުއްޖާއާއި ބެހެން އުޅުނީ ހުޅުމާލޭގެ ނެއިބާހުޑް އެކެއްގެ ބޮޑު މިސްކިތާއި ޖެހިގެން އޮންނަ ޕާކު ތެރޭގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން މިހާރު ރާއްޖޭގައި ވެސް އިތުރުވަމުން އަންނައިރު، މިފަދަ 418 މައްސަލައެއް މިދިޔަ އަހަރުވެސް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ.

މިއަދު އޮންލައިން