ރިންގްރޯޑް ހަދަން، ފިލައެއްގެ މަތީގައި ތާރު އެޅައިގެން އެމަގު ހެދީ، މަގު ހެދުން ލަސް ކުރެވެން ނެތީމަ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ފޮޓޯއެއްގައި ފެނިފައިވަނީ، ފިލައެއް މަތީ ތާރު އަޅާފައިވުމުން އެތަނުން ތާރުގަނޑެއް ނައްޓައިގެން ގޮސްފައިވާ މަންޒަރެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން ހައުސިން މިނިސްޓަރަށް އަމާޒުވިއެވެ.
އެފޮޓޯއާއިއެކު ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފޮޓޯއިން އެފެންނަނީ ޖަންގްޝަނެއް ހުރި ސަރަޙައްދެއް ކަމަށާއި، އެޖަންގްޝަނުގެ ލެވެލް އުސްކޮށް މަތިގަނޑު އަޅަންޖެހޭ ކުންފުންޏަށް އެކަން ކުރަން ވަގުތު ބޭނުންވާތީ މަގު ހެދުން ލަސް ނުކުރެވޭނެތީ ފިލައެއް ބޭއްވީ ކަމަށެވެ.
އެގޮތަށް ހުރި ފިލާތައް ނަގާ، އެކުންފުނިން ޖަންގްޝަން މަގާއި ލެވެލްކޮށް މަތި އަޅަމުންދާ ކަމަށް ވެސް ހައުސިން މިނިސްޓާރު ވިދާޅުވެފައިވެއެވެ.
ރިންގްރޯޑަކީ ސިނަމާލެ ބްރިޖާއިއެކު ތަރައްގީ ކުރި މަގެކެވެ.