ރާއްޖޭގެ ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު މިނިވަން ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށްފަހު، އެމަހުގެ ފަސްވަނަ ދުވަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރެވުނު ބޭފުޅުންގެ ތެރޭގައި ހަސަން ސައީދު ވެސް ހިމެނިވަޑައިގެންވެއެވެ.
އޭނާ މިނިވަން ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ހަސަން ސައީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާތީ، އޭނާ މިނިވަން ކުރުމަށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ހުށަހެޅުމުންނެވެ.
ފުލުހަށް ހާޒިރުވާން ފެބްރުއަރީ މަހު އެންގުމުން، ހާޒިރު ނުވި މައްސަލައިގައި، ހަސަން ގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އެހުކުމް މިދިޔަ ޖުލައި މަހު އިއްވާފައިވާއިރު ހުކުމް ކުރުމުގެ ކުރިން އެމައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު، ހުކުމުގެ މުއްދަތު ޖަލުގައި ހޭދަ ކުރުމުން ހަސަން ސައީދު މިނިވަން ކުރަން ކޯޓުން އަމުރުކުރީ ކަމަށް އޭނާގެ ވަކީލުން ބުންޏެވެ.