މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަލްމަރްހޫމް ޑރ. އަފްރާޝީމް އަލީއާއި ގެއްލިފައިވާ މިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ އަދި ބްލޮގާރ ޔާމީން ރަޝީދުގެ މައްސަލަ އަލުން ތަހުގީގު ކުރަން ފުލުހުން ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޑރ. އަފްރާޝީމާއި. ރިޟްވާން އަދި ޔާމީންގެ މައްސަލަ އަލުން ރިވިއުކޮށް އިތުރަށް ކުރެވެން ހުރި ކަންކަން ކުރަމުން އަންނަ ކަމަށެވެ.
ރަހުމް ކުޑަ އަނިޔާވެރި ގޮތަކަށް 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ދެވަނަ ދުވަހު މަރާލި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހ. ލޮބީ ޙުސެއިން ހުމާމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ސުޕްރީމް ކޯޓުން ވަނީ ތާއީދު ކޮށްފައެވެ. ނަމަވެސް އެކަން ރޭވުމުގެ އަޑީގައި ތިބި މީހުން މިހާތަނަށް ވެސް ނުހޯދޭތީ ޑރ. އަފްރާޝީމްގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިނިވަން ނޫސްވެރިޔާ ރިޟްވާން 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހު ގެއްލުނު ފަހުން އޭނާއަށް ވީގޮތެއް މިއަދާއި ހަމައަށް ވެސް ހޯދިފައެއް ނުވެއެވެ. އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިނަމަވެސް. އެ ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވެސް ވަނީ ނިންމާފައެވެ.
ރަހުމު ކުޑަ ގޮތަކަށް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ދަންވަރު މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، އެމައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ހިނގަމުންނެވެ.