ފުލުހުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކުގައާއި އެކި މައްސަލަ ތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ތަޚްޤީޤު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.
ދޫނިދޫގައި މިތަކެތި ނައްތާލައިފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެގޮތުގެ ޤަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
މިއަދު ނައްތާލާފައިވަނީ 2018 ވަނަ އަހަރު މިހާތަނަށް ފުލުހުންނަށް ހުށަހެޅި، ތަޚްޤީޤު ނިމިފައިވާ 201 މައްސަލައެއްގައި ހިމެނޭ 827 ރަބަރު ޕެކެޓާއި 290 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 9 ދަޅުގެ އިތުރުން ބްލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި 20 ބިޑި އާއި އެހެނިހެން 152 އައިޓަމާއި ބޭހުގެ ގޮތުގައި ހިމެނޭ 387.724 ގްރާމްގެ ބޭހެވެ. މިއަދު ނައްތާލެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ ޖުމްލަ 99918.0104 ގްރާމްގެ ހެރޮއިން އާއި ޖުމްލަ 4009.4909 ގްރާމްގެ ކެނަބިސްއެވެ.
އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ މަސްތުވާތަކެއްޗާއި ބަނގުރާ ޤާނޫނީ ހަމަތަކުގެ މަތިން ނައްތާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ތަފާތު އެކި ފަހަރުމަތިން ގިނަ ޢަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތީގެ ހިކި ބާވަތްތައް ނައްތާލާފައިވެއެވެ