2013 ވަނަ އަހަރު ރައީސް ޔާމީނު ހުވާކުރެއްވިއިރު ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ނަމޫނާ ދައްކަވައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ ނައިބް ފައިޞަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނު ބައިވެރިވެވަޑައިގެން ދެއްވުމަށް އެދިއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕަރސަން އަދި ޓްރާންސިޝަނަލް ކޮމިޓީގެ މެންބަރު ޙަސަން ލަޠީފެ ވިދާޅުވީ އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ދެއްވުމަކީ އެމްޑީޕީގެ ވެސް ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މިމަހުގެ 17 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބާއްވާ ހުވާ ކުރުމުގެ ރަސްމިއްޔާތަށް 11،000 އަށްވުރެ ގިނަ މީހުންނަށް ދައުވަތުދިނުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޔާމީން ހުވާ ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.