ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަރަކުގެ ތެރޭގައި ހިމެނޭ ޑރ. އަފރާޝީމް އާއި ނޫސްވެރިޔާ ރިޟްވާން އާއި ޔާމީން ރަޝިދުގެ މަރުގެ މައްސަލަތައް ފުލުހުން އަލުން ބަލަން ނިންމުމުން ގިނަ ބައަކު ދަނީ އެކަމަށް މަރުޙަބާ ކިޔަމުންނެވެ.
ހަމަ އެއާއިއެކު ފުލުހުން އަމިއްލައަށް އިސްނަގައިގެން، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމްގެ ކޮޓަރިކޮޅަށް ފުލުހުން ފިސްތޯލައެއް ވެއްދި ކަމަށް ބެލެވޭ މައްސަލައާއި ރައީސް ޔާމީނުގެ ވެރިކަމުގައި މީހުން ފްރޭމް ކުރުމަށް އުފެއްދި "އިންޓެލިޖެންސް" ހެކިތަކުގެ މައްސަލަ އާއި ބައެއް ޝަރީޢަތް ތަކުގައި ފުލުހުން ދޮގު ހެކި ދީފައިވާ ކަމަށް ރައްޔިތުން ތުހުމަތު ކުރާ މައްސަލަތައްވެސް ބަލައި ދިނުމަށް ގިނަ ބައަކު ދަނީ އެދެމުންނެވެ.
މިސާލަކަށް ހަސަން ސައީދުގެ ކޮޓަރިން ފެނުނު ކަމަށް ބުނާ އިބްރާހީމް ސިޔާދު ޤާސިމްގެ ލިޔުމަކީ ވެސް އަރަތްތަކުން ފުރިފައިވާ ލިޔުމެކެވެ. އެލިޔުމުން ފެނުނީ ހަމަ އެކަނި ސިޔާދުގެ ފިންގަރޕްރިންޓް ކަމަށްވުމުންނެވެ. ހަމަ އެކަނި ސިޔާދުގެ ފިންގަރ ޕްރިންޓް ހިމެނޭ ލިޔުމެއް ދަބަހަކަށް ލެވި އަދި އެ ދަބަސް ހަސަން ސައީދުގެ ކޮޓަރީގައި ހުއްޓައި ފެނުމުން އެކަމުން އެނގެނީ އެ ލިޔުން ލިޔެ ސޮއި ކުރުމަށްފަހު އަމިއްލައަށް ގެންގޮސް އެކޮޓަރީގައި ބެހެއްޓުން ކަމަށް ރައްޔިތުން ބުނާ ބުނުމަށް ފުލުހުންގެ ޖަވާބެއް ކޮންމެހެން ބޭނުންވެއެވެ.
އެ ލިޔުން ސިޔާދަށް ދެއްކި ތަޙްޤީޤް މަރުހަލާގައި ލިޔުން ބައްލަވާލައްވަން ބޭނުންފުޅުވެގެން ސިޔާދުގެ ޤާނޫނީ ވަކީލު ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ނުދެއްވައި ހަމަ އެކަނި ސިޔާދުގެ އަތްޕުޅަށް ދެއްވީ ސިޔާދުގެ ފިންގަރ ޕްރިންޓް ލިޔުމަށް އަރުވަން ކަމާއިމެދުވެސް ސުވާލު އުފެދެއެވެ. ހަމައެކަނި ސިޔާދުގެ މައްސަލައެއް ނޫނެވެ. ރައްޔިތުން ފުލުހުންގެ މައްޗަށް މިފަދަ ގިނަ ތުހުމަތުތަކެއް ކުރަމުން ގެންދާއިރު މިފަދަ މައްސަލަތައް ބަލައި ޙަޤީޤަތް ފުލުހުން ކޮށްފިނަމަ މިހާރު ގެއްލިފައިވާ އިތުބާރު އަލުން އަނބުރާ ހޯދަން ފަސޭހަވެގެންދާނެ ކަމަށް ރައްޔިތުންގެ ގިނަ ބައަކު ޤަބޫލުކުރެއެވެ.
ދިވެހި ފުލުހުންނަކީ ރައްޔިތުން ފްރޭމްކުރާ ބައެއް ނޫންކަން ސާބިތުކޮށްދެވެން މިހާރު އޮތީ ފުލުހުންނަށެވެ. ކުރެވޭ ތުހުމަތުތައް ގިނަ ކަމުން ހަމަ އެކަނި ފުލުހުން ބުނާ ބުނުމަކުން ނުވަތަ ނެރޭ ބަޔާނަކުން ރައްޔިތުންގެ އިތުބާރު ހޯދޭނެ ކަމަކަށް ރައްޔިތުންގެ ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ދިވެހި ފުލުހުންނަށް ކުރިމަތިވި ކަމެއް ނޫނެވެ. ރައީސް ޔާމީނުގެ ވެރިކަމާއި ހަމައަށް ދިވެހި ފުލުހުންނަކީ ރައްޔިތުންގެ ހިތްތަކުގެ ލޯބި އެންމެ ބޮޑަށް ހޯދި، ލިބިފައިވާ މުއައްސަސާއެވެ.