ދަފްތަރަށް މީހުން އިތުރުކުރާނަމަ މާލެއަށް މަޖިލިސް މެންބަރުން ދާނީ އިތުރުވަމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި "މައްޗަންގޮޅި މެދު ދާއިރާ" އާއި މިހާރު އޮންނަ ހުޅުހެންވޭރު ދާއިރާގެ ތެރެއިން ހުޅުހެންވޭރު ވަކިކޮށް ހެންވޭރު ހުޅަނގު ދާއިރާ އިތުރު ކުރެވޭނެ ކަމަށެވެ. ޝަރީފް ވިދާޅުވީ މި ދެ ދާއިރާ އިތުރުކުރުން ފިޔަވައި އިތުރު އެއްވެސް ބަދަލެއް ގެންނަން ނިންމާފައި ނުވާ ކަމަށާއި މި ބަދަލު ގެންނަން ޖެހެނީ މާލޭގެ ދަފްތަރުގައި ގިނަ ބައަކު ޖައްސައި ދަފްތަރަށް މީހުން އިތުރުކުރަމުން ގެންދާތީ ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި ހުލުމާލޭގެ އާބާދީ ދާނީ އިތުރުވަމުން ކަމަށާއި އެކަމުގެ ސަބަބުންވެސް ބަދަލުތައް އަންނާނެ ކަމަށެވެ. އާބާދީއަށް ބަލާއިރު ރާއްޖެއަކީ މިހާރުވެސް ރެކޯޑް އަދަދަކަށް މަޖިލިސް ތިބި ޤައުމެކެވެ. އެކަން މެދުވެރިވެފައިވަނީ އާބާދީގެ ކޮންމެ 5000 މީހަކަށް މެންބަރަކު ހަމަޖައްސަން ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތުމުންނެވެ.