މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށްފަހު ބާކީ ހުރި ވޯޓު ކަރުދާސްތައް ބަލަން ބޭނުންވާ މީޑިއާތަކަށް އެ ފުރުޞަތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި މީޑިއާތަކަށް ދައްކައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވޯޓުލާން ބޭނުންކުރި ކަރުދާސްތައް ނުދެއްކުމީ އެކަމުގައި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ލީގަލް ޓީމުން ލަފާދޭތީ އާއި އަދި އެއީ ސިއްރުކުރަންޖެހޭ އެއްޗެއް ކަމަށް ޤާނޫނުގައި ބަޔާންކުރާތީ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެފަދަ ކަމެއް ކޮށްފިނަމަ އެއީ ކޮންމެ އިންތިޚާބަކާއި ގުޅިގެން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ވެސް ވެގެން ހިނގައިދާނެކަމުގެ މައްސަލަ ލީގަލް ޓީމުން ފާހަގަކުރާތީ ކަމަށެވެ. ޝަރީފް ވިދާޅުވީ މިފަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅިގެން އުފަންވި ވޯޓު ކަރުދާހުގައި ފާހަގަލުމުން އެ ފާހަގަ އުފެދޭ ކަމުގެ ވާހަކައަކީ އަލަށް ދުނިޔެއަށްވެސް އުފަންވެފައިވާ ވާހަކައެއް ކަމަށެވެ.