ނޮވެމްބަރު 17 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހުވާކުރެއްވުމަށްފަހު "ދުޅަހެޔޮ ހަށިހެޔޮ ޢީދު'' ގެ ނަމުގައި ސްޕޯޓްސް ފެސްޓިވަލެއް މާލޭގައި ކުރިއަށް ގެންދިއުމަށް ނިންމަވައިފިއެވެ.
ނޮވެމްބަރު 18 ވަނަ ދުވަހު މާލޭގައި މި ފެސްޓިވަލް ފެށިގެން ކުރިއަށް ދާނެ ކަމަށް އިންތިޙާބީ ރައީސްގެ އޮފީހުން އެކުލަވާލި އިންތިޒާމީ ކޮމެޓީން ވިދާޅުވެއެވެ. މި ފެސްޓިވަލަކީ ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރި ވެވޭނެ ގޮތަށް އިންތިޒާމްކޮށްފައިވާ ފެސްޓިވަލެއް ކަމަށް އެބޭފުޅުން މައުލޫމާތު ދެއެވެ.
މޫދުގެ ކުޅިވަރުތަކުގެ އިތުރުން އެއްގަމުގައި މާލެގެ އެކި ހިސާބުތަކުގައި މި ހަރަކާތް ކުރިއަށް ދާނެ ކަމަށް ވެސް އެ ކޮމެޓީން ވިދާޅުވެއެވެ. މި ފެސްޓިވަލް 18 ވަނަ ދުވަހުގެ 1800 އާއި ހަމައަށް ކުރިއަށް ދާނެއެވެ. އަދި ހަމަ އެދުވަހުގެ ރޭ 2000 އިން 3200 އަށް "ރިޔާސީ ޖާފަތް'' ގެ ނަމުގައި މާލޭގެ ރައްޔިތުންނަށް ވަށަމަގުގައި (ރިންގް ރޯޑް) ގައި ހާއްސަ ޖަފަތެއް ކުރިއަށް ދާނެއެވެ. މި ޖާފަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެރޭ އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެއިތުރުން، 19 ވަނަ ދުވަހުގެ ރޭ، ގަލޮލު ރަސްމީ ބޯޅަދަނޑުގައި ފުޓް ބޯލަ މެޗްތަކެއް ކުޅެވިގެން ދާނެއެވެ. ރާއްޖޭގެ ކުޅިވަރު ލެޖެންޑުގެ އިތުރުން، ސިޔާސީ ފަރާތްތަކުން މި މެޗްތަކުގައި ބައިވެރި ވާނެއެވެ.
މި ކުޅިވަރުގެ އީދުގައި ބައިވެރި ނުވެވޭނެ ފަރާތެއް ނުހުންނާނެ ކަމަށް އިންތިޒާމީ ކޮމިޓީން ވިދާޅުވެއެވެ. އަދި މާލެގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކުވެސް ހަރަކަތްތަށް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.