އިންތިހާބު ކަވަރޭޖަށް 10 މިލިއަން ރުފިޔާ ޕީއެސްއެމް އަށް ދޭން އަންގައިފި

ކިޔުމަށް ހޭދަވާނީ 1މ 24ސ
އިންތިހާބު ކަވަރޭޖަށް 10 މިލިއަން ރުފިޔާ ޕީއެސްއެމް އަށް ދޭން އަންގައިފި

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ކޮށްފައިވާ ހޭދައަށް 10 މިލިއަން ރުފިޔާ، އެސްޓޭޝަނަށް ދިނުމަށް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ.

 

ރައީސް އޮފީހުން މިދިޔަ އާދީއްތަ ދުވަހު ފިނޭންސް މިނިސްޓްރީ އަށް މިފަދައިން އަންގައި ސިޓީއެއް ފޮނުވާފައިވަނީ، ދައުލަތުގެ ބަޖެޓުން ޕީއެސްއެމް އަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމަށް ބުނެ އެސްޓޭޝަނުން ރައީސް އޮފީހަށް އެންގުމުންނެވެ.

 

ރައީސް އޮފީހުގެ މިނިސްޓާރ އޮފް ސްޓޭޓް ފޯ އިކޮނިމިކް ރިލޭޝަން މުޙައްމަދު ލުވޭޒު ސޮއިކުރައްވާ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ޕީއެސްއެމް އިން ދޫކުރި 10،629،745ރ. ދޫކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަންގާފައިވާ ކަމަށެވެ.

 

ޕީއެސްއެމް އިން ވަނީ ރިޔާސީ އިންތިހާބުގެ ކަވަރޭޖް ގެނެސްދޭން، ދެ ފަހަރެއްގެ މަތިން ޕޯޗުގަލްގެ ތަޖުރިބާކާރުންގެ އެހީ ހޯދާފައެވެ. އެނގިފައިވާ ގޮތުގައި އެމީހުން ޕީއެސްއެމް ގައި މަސައްކަތް ކޮށްފައިވަނީ ގްރެފިކްސްގެ ކަންކަމުގައެވެ.

 

ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިއަހަރުގެ ބަޖެޓުގައި ޕީއެސްއެމްގެ ކެޕިޓަލް އިންވެސްޓްމެންޓަށް 20 މިލިއަން ރުފިޔާ ހިމަނާފައިވާތީ އެއަށް ބަރޯސާވެ، ޕީއެސްއެމް އިން ކޮށްފައިވާ މަސައްކަތްތައް ބަލަން ރައީސް ޔާމީން އަންގަވާފައިވާ ކަމަށާއި އެކަންކަން ބެލުމަށްފަހު 20 މިލިއަން ރުފިޔާގެ ބަޖެޓުން ޚަރަދު ހަމަޖެއްސުމާމެދު ނިންމާ ގޮތެއް ރައީސް އޮފީހަށް އެންގުމަށެވެ.

 

މިއަދު އޮންލައިން