އީސީ ޝަރީފު ފުލުސް އޮފީހުގައި

ކިޔުމަށް ހޭދަވާނީ 1މ 5ސ
އީސީ ޝަރީފު ފުލުސް އޮފީހުގައި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މީގެ ކުޑައިރުކޮޅެއް ކުރިން ފުލުސް އޮފީހަށް ހާޒިރު ކޮށްފިއެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފް ފުލުހުންގެ މައިމަރުކަޒަށް ވަޑައިގެންނެވީ އެއްވެސް މައްސަލައަކާއި ގުޅިގެން ޗިޓު ފޮނުވައިގެނެއް ނޫނެވެ. ނަމަވެސް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވީ ދެ ވަކީލުންނާއެކު ކަމަށް މައުލޫމާތު ލިބެއެވެ.

 

އީސީ ގެ ރައީސް ކުއްލި ގޮތަކަށް ފުލުހަށް ހާޒިރު ކުރީ ކޮން މައްސަލައެއްގައިކަމެއް އަދި ސާފެއް ނުވެއެވެ.

 

އެކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް ވިދާޅުވީ ޝަރީފް ފުލުހަށް ހާޒިރުވާން އަންގައިގެން ފުލުހުންގެ މައި އިދާރާއަށް ވަޑައިގަންނަވާފައިވާ ކަމަށާއި ނަމަވެސް ފުލުހަށް ހާޒިރުކުރާ ބޭނުމެއް އަދި ސާފުވެފައިނުވާ ކަމަށެވެ.

 

އިލެކްޝަންސް ކޮމިޝަން ގެ ރައީސް މިއަދު ކުއްލި ގޮތަކަށް ފުލުހަށް ހާޒިރުކޮށްފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުން ބަލިވުމުން، އެކަން ޤަބޫލު ނުރައްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. އެމައްސަލަ މިދިޔަ އޮކްޓޯބަރ މަހު ބެލުމަށްފަހު، އެމައްސަލައިން ވެސް ނާކާމިޔާބުވުމުން، އީސީން ވޯޓު އޮޅުވާލި ކަމަށް ބުނެ އެމައްސަލަ ބެލުމަށް ޕީޕީއެމް އިން ވަނީ ފުލުސް އޮފީހުގައި އެދިފައެވެ.

މިއަދު އޮންލައިން