ފިރިހެން ދަރިއަކު ނުލިބުމުން މައިމީހާއާއެކު އަންހެން ދަރިންވެސް މަރާލައިފި

ކިޔުމަށް ހޭދަވާނީ 1މ 54ސ
ފިރިހެން ދަރިއަކު ނުލިބުމުން މައިމީހާއާއެކު އަންހެން ދަރިންވެސް މަރާލައިފި

އިންޑިއާއަކީ އަންހެން ދަރިންނާމެދު ތަފާތު ކުރުން އިންތިހާއަށް އިތުރުވެފައިވާ ޤައުމެކެވެ. އެކި ފަހަރު މަތިން މިކަމާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވާއިރުވެސް، އިންޑިއާގެ ކުދިކުދި އަވަށްތައް ކަމަށްވާ ބިހާރް ފަދަ ތަންތަނުގައި، މިއީ އަދިވެސް ވަރަށް އާންމުވަމުން އަންނަ މައްސަލައެކެވެ.

 

މިފަދަ މައްސަލައެއް ވަރަށް ފަހުން މިވަނީ އަނެއްކާވެސް ފެންމަތިވެފައެވެ. އަންހެނަކަށް ދެ އަންހެން ދަރިން ލިބުމުން، އޭނާއަށް ފިރިހެން ދަރިއަކު ނުލިބޭނެ ކަމަށް ނިންމައި، އެމީހާގެ ދެ އަންހެން ދަރީންނާއެކު އޭނާވަނީ ދިރިހުއްޓާ އަންދާލާފައެވެ. އިންޑިއާގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، މިލާއިންސާނީ އަމަލު ހިންގާފައިވަނީ އޭނާގެ ފިރިމީހާގެ އާއިލާއިންނެވެ.

 

އުމުރުން 40 އަހަރުގެ ޕުޝްޕާ ދޭވީ ކައިވެނި ކުރީ ސިސްވާރް އަވަށުގެ މަނޯޖް ސޯނީ ނަމަކަށް ކިޔާ މީހަކާއެވެ. ދެމީހުންގެ ކައިވެންޏަށް 20 އަހަރު ފުރުނުއިރު ލިބިފައިވަނީ ދެ އަންހެން ކުދިންނެވެ. ފިރިހެން ކުއްޖަކު ނުލިބުމުން އެއާއިލާ ތެރޭގައި ހަމަނުޖެހުން އިތުރުވެ، ޕުޝްޕާއާއިމެދު ނުރުހުން ވެސް އިތުރުވިއެވެ.

 

ކޮންމެ ހާލެއްގައި ނަމަވެސް ފިރިހެން ކުއްޖަކު ހޯދަން ބޭނުން ވެގެން އޭނާގެ ފިރިމީހާ އެކިއެކި ޑޮކްޓަރުން ކައިރިއަށް އޭނާ ގެންދިޔައެވެ. އޭގެ އިތުރުން ޕުޝްޕާއަށް އެއްވެސް އެސްފިނާއެއް ނުވަތަ ރޫހާނީ ދުއްތުރާއެއް ޖެހިފައިވަނީތޯ ބަލަން ވެސް ގެންގޮސްފައިވެއެވެ.

 

ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ނެތްކަން ހާމަވުމުން، ޕުޝްޕާގެ ފިރިމީހާ ބޭނުންވީ ޕުޝްޕާއާއި އޭނާގެ ދެ އަންހެން ދަރިންވެސް މަރާލާށެވެ.

 

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ، ޕުޝްޕާއާއި އޭނާގެ ދަރިން ނިދާފައި ތިއްބާ، ރޯކޮށްލާ މަރާލީ އެެއްވެސް ރަހުމެއް ނެތިއެވެ. ސަލާމަތް ކުރުމަށް އެދި ގޮވަމުން ދިޔައިރުވެސް މަނޯޖާއި އޭނާގެ އާއިލާ ތިބީ ބަލާށެވެ.

 

މިކަން ފުލުހުންނަށް ރިޕޯޓުކުރީ، އެމީހުންގެ އަވަށްޓެރި ބައެކެވެ. އެމީހުން ބުނި ގޮތުގައި މަނޯޖް މެން ގެއިން މިނިމަސް އަނދާ ވަސް ދުވާތީ އެގޭ ކައިރިއަށް ދިޔުމުން ފެނުނީ ކުޑަދޮރުން ދުންތަކެއް ބޭރުވާ މަންޒަރު ކަމަށެވެ.

 

އަވަށްޓެރިން އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުން މަނޯޖާއި އޭނާގެ އާއިލާވަނީ އެތަނުން ފިލާފައެވެ. އެމީހުން އަދިވެސް ފެނިފައި ނުވާ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިއަދު އޮންލައިން