މިސަރުކާރަކީ ކޯލިޝަނުގެ ވަރަށް ބުރަ މަސައްކަތުން ގެނެވުނު ސަރުކާރެއްކަމަށްވާތީ ސަރުކާރު ދެމެހެއްޓުމަށްޓަކައި ވަޒީރުކަން ކުރައްވަން ޖެޖެހިވަޑައިގެންފިނަމަ އެކަންވެސް ކުރައްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން މިރޭ ވިދާޅުވީ މިއަދުގެ ސަރުކާރު ދެމެހެއްޓުމުގެ ވަރަށް ބޮޑު ޒިންމާއެއް އަދި ސަރުކާރުގެ މެނިފެސްޓޯ ދެމެހެއްޓުމުގެ ވަރަށް ބޮޑު ޒިންމާއެއް "އަޅުގަނޑުމެންގެ" ބޮލުގައި އެޅިފައި އެބަ އޮތް ކަމަށެވެ.
"އެކަންކަން ޙާޞިލު ކުރުމުގައި އަޅުގަނޑުމެން ކޮންމެ މީހަކު އެމީހެއްގެ ދައުރު އަދާނުކޮށްފިނަމަ އެކަމުގެ ނަތީޖާއަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޖަވާބުދާރީވާން ޖެހޭނެ. އެހެންވީމާ އަޅުގަނޑަށް ކުރަންޖެހޭ ކަމެއް، އަޅުގަނޑު ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑާއިއެކު ތިއްބެވި ބޭފުޅުންނަށް ޚާއްޞަކޮށް ރައީސް (އިންތިޚާބީ) ޤަބޫލުނުކޮށް އަޅުގަނޑު ދޫކޮށްލުމަކީ އެކަމުން ލިބިދާނެ ގެއްލުމެއްގެ ޒިންމާ އަޅުގަނޑު ނަގަން ޖެހޭނެ ކަމެއް."
ސިޔާސީ މަޤާމެއް ޤަބޫލުފުޅު ނުކުރައްވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ މިހާރު އޮތް ޙާލަތަށް ބަލައި އެންމެ ބޮޑަށް "އިސްލާމް" ކުރަންޖެހިފައިވަނީ ތައުލީމީ ވުޒާރާ ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. އެހެންކަމުން ޝައިޚް އިމްރާން އަށް ތައުލީމީ ވަޒީރުކަން ލިބިވަޑައިގެންފިނަމަ ތައުލީމީ ދާއިރާގައި މިހާރު ހުރި ގިނަ މައްސަލަތަކެއް ޙައްލުވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.