ސަލްމޮނެއްލާ ޖަރާސީމު ފެތުރެމުންދާތީ ޑަންކެން ހައިންސްގެ ބައެއް ކޭކްމިކްސް ނަގަން އަންގައިފި

ކިޔުމަށް ހޭދަވާނީ 1މ 16ސ
ސަލްމޮނެއްލާ ޖަރާސީމު ފެތުރެމުންދާތީ ޑަންކެން ހައިންސްގެ ބައެއް ކޭކްމިކްސް ނަގަން އަންގައިފި

ޑަންކެން ހައިންސް ބްރޭންޑްގެ ބައެއް ކޭކް ފުށް ޕެކެޓުން "ސަލްމޮނެއްލާ" ޖަރާސީމް ފެތުރެމުންދާތީ، އެކަން ރިވިއު ކުރުމަށް އެތަކެތި ބާޒާރުން އަނބުރާ ނެގުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެއޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އަދި ކޮމިޔުނިކަބަލް ޑިސީސް ކޮންޓްރޯލް އިން ދަނީ، ސަލްމޮނެއްލާ ޖަރާސީމު ފެތުރެމުންދިޔުމާއި ގުޅިގެން އެކަމުގެ ތަހުގީގު ކުރަމުން ކަމަށެވެ. އެކަމާއި ގުޅިގެން އަދި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، އެކަން ހިނގާފައިވާކަމަށް ބެލެވެނީ ޑަންކެން ހައިންސް ބްރޭންޑުގެ ބައެއް ކޭކު މިކްސުން ކަމަށް އެއޮތޯރިޓީ ތަކުން ހާމަ ކޮށްފައިވާ ކަމަށް އެމްއެފްޑީއޭ ގެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެބްރޭންޑުތަކުގެ ބެޗް ނަންބަރުތަކުގެ އުފެއްދުންތައް ބާޒާރުން އަނބުރާ ނެގުމަށް ނިންމާ ދަނީ "ރީކޯލް" ކުރަމުންނެވެ. އަދި އެބެޗުނަންބަރުތަކުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކުމާއި ވިއްކަން ބެެހެއްޓުމަކީ މަނާކަމެއް ކަމަށް ވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

ޑަންކެން ހައިންސް ބްރޭންޑުގެ އެކޭކް މިކްސް ޕެކެޓު ބޭނުން ނުކުރުމަށް ވެސް އެއޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ. އެއުފެއްދުންތައް ވިއްކަން ހުރިކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ، އެމްއެފްޑީއޭގެ 3014361 ނަންބަރު ފޯނަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެއޮތޯރިޓީން އެދިފައިވެއެވެ.

މިއަދު އޮންލައިން