ސީގަލް ކެފޭގައި ސާފުތާހިރުކަން ހުންނަން ޖެހޭ މިންގަނޑަށްވުރެ ކުޑަވެފައި ވާކަމަށް ފަހަގަކުރެވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އެ ކެފޭ ބަންދު ކޮށްފި އެވެ.
އެ އެޖެންސީން މިއަދު ކުރި އިލާނެއްގައި ބުނި ގޮތުގައި ސީގަލް ކެފޭ މިއަދު ބަންދު ކުރެވިފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުން ފަހަގަ ކުރެއްވީ، ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާން ކުރާ ގަވައިދާ ހިލާފު ވުމެވެ.
މިއަދުން ފެށިގެން ސީގަލް ކެފޭ ބަންދު ކުރި އިރު ބަންދު ކޮށްފައި ބަހައްޓާނެ ވަކި މުއްދަތެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެ އިއުލާންގައި ބަޔާންކޮސްފައި ނުވެއެވެ.
ސީގަލް ކެފޭ އަކީ ސީގަލް ގްރޫޕުގެ ނަމުގައި ހަދާފައިވާ ކުންފުންޏަކުން 1994 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ތަނެއްކަން ފާހަގަކޮށްލެވެއެވެ.