މަޖިލީހުގެ ރައީސްކަމުން މަޞީޙް ވަކިކުރަން ހުށަހެޅި ޕެޓިޝަނުގައި 2017 ވަނަ އަހަރު ސޮއިކުރުމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންނަށްވެސް ރައްޔިތުންގެ ވޯޓާއި ކުރިމަތިލުމުގެ ހިތްވަރު އެބަހުރި ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ވިދާޅުވެއްޖެއެވެ.
ސައުދުﷲ ވިދާޅުވީ ޕްރައިމަރީ އާއި ރައްޔިތުންގެ ވޯޓް އެއީ އެކައްޗެއް ނޫން ކަމަށާއި އެކަން އޮޅުވައިނުލުމަށެވެ. މިހާރު އެމްޑީޕީން ރައީސް ނަޝީދަށް އަދި އެއިގެ ފަހުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކެންޑިޑޭޓްކަން ދިނީ ޢާންމު މެންބަރުންގެ ވޯޓަކުން ނޫން ކަމަށާއި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ޕްރައިމަރީއެއް ނެތި ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. ހަމަ އެ ގޮތަށް 12 މެންބަރުންނަށްވެސް ރައްޔިތުންގެ ވޯޓާއި ކުރިމަތިލުމުގެ ހިތްވަރު އެބަހުރި ކަމަށެވެ.
"ޕްރައިމަރީ އާއި ރައްޔިތުންގެ ވޯޓް އެއީ އެކައްޗެއް ނޫން. އޮޅުވައި ނުލާ. މިހާރު އެމްޑީޕީން ރައީސް ނަޝީދަށް އަދި އެއިގެ ފަހުން އިބޫއަށް ކެންޑިޑޭޓްކަން ދިނީ ޢާންމު މެންބަރުންގެ ވޯޓަކުން ނޫން. އިބޫ ހޮވުނީ ޕްރައިމަރީއެއް ނެތި ރައްޔިތުންގެ ވޯޓަކުން. އެ ގޮތަށް 12 މެންބަރުންނަށްވެސް ރައްޔިތުންގެ ވޯޓާއި ކުރިމަތިލުމުގެ ހިއްވަރު އެބަހުރި."