ދިވެހި ޚާރިޖިއްޔާގެ އިސް ވެރިއަކު އެ މިނިސްޓްރީގައި މަސައްކަތްކުރާ :ޖޫނިއަރ" އަންހެން މުވައްޒިފަކަށް ޖިންސީ ގޯނާ ކުރިކަމަށް ކުރެވޭ ތުހުމަތުގެ މައްސަލަ ބެލުމަށް ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.
ދުންޔާ ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ފެތުރެމުންދާ މިޚަބަރާއިމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ކަމާއިބެހޭ ފަރާތްތަކުން، މުއައްސަސާތަކުން މައްސަލަ ބަލައި ކަމުގެ ހަޤީޤަތް ހާމަކުރަން ޖެހޭ ކަމަށެވެ.
ދުންޔާ ވިދާޅުވީ ބާރުވެރި މަޤާމުތަކުގައި ތިބޭ ވެރިންގެ ފަރާތުން މިފަދަ ކަމެއް ހިނގައިގެން ނުވާނެ ކަމަށާއި މުވައްޒިފުންގެ އެންމެހައި ޙައްޤުތައް ހިމާޔަތް ކުރެވެން ޖެހޭނެ ކަމަށެވެ. "ދީލަދަށުން" ކުރާ މިފަދަ އަނިޔާތައް ކުރުން ޤައުމުން، މުޖުތަމައުން ފޮހެލެވެން ޖެހޭނެ ކަމަށެވެ.