ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަނޑުގައި ރިއްސާކަން ސާބިތު ކޮށްދީ، ފަރުވާކޮށްދިނުމަށް އެދި ދެ ގަޑިއިރަށްވުރެ ގިނައިރު ފުލުހުންގެ ކިބައިން އަދީބަށް އާދޭސް ކުރަން ޖެހުނު ކަމަށް އެމަނިކުފާނުގ ެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދެމުން ގެންދާ ކުރީގެ ނައިބު ރައީސްގެ ހާލަތާއި ގުޅޭ ގޮތުން އަނބިކަނބަލުން ނަޝްވާ ވިދާޅުވީ، އަދީބުގެ ހާލު ސީރިއަސް ވަމުން އަންނަ ކަމަށެވެ.
އަދީބުގެ ކިޑްނީގައި ހިލަ އުފެދިފައިވުމާއި ލޮލުގެ ބައްޔެއް ކަމުގައިވާ ގްލައުކޯމާ ޖެހިފައިވުމުގެ އިތުރުން އެތެހަށީގައި ސިސްޓްތަކެއް ވެސް އުފެދިފައިވާތީ އެކަން ކަމަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް އާދޭސް ދަންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް އަދި ބަލި ހާލަތު ހުރި ގޮތުން ގެއަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު ވެސް އެކަމަށް ތަންފީޒީ އެއްވެސް އިދާރާއަކުން އަދި ސަރުކާރުން ވެސް އަޅާލާފައި ނުވާކަން ނަޝްވާ ފާހަގަ ކޮށްފައިވެއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ނަޝްވާ ވިދާޅުވީ، އަދީބުގެ ބަނޑުގައި ރިހޭކަން ފުލުހުންނަށް ސާބިތުކޮށްދިނުމަށާއި، "ފޭކެއް" ނޫންކަން ޔަޤީންކޮށްދިނުމަށް ދެ ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރަން ޖެހުން ކަމަށެވެ. އަދި އަދީބު ބަލިކަން ޤަބޫލު ކުރާނީ އޭނާ އަވަހާރަވީމާތޯ ވެސް އޭނާގެ އަނބިކަނބަލުން ވަނީ ސުވާލު ކުރައްވާފައެވެ.
މީގެއިތުރުން ނަޝްވާ ވިދާޅުވީ، އަދީބުގެ ކަނާތްފަރާތު ކިޑުނީގައި ދެ ހިލަކޮޅު އަދި ވާތްފަރާތު ކިޑްނީގައި އެއް ހިލަކޮޅު އުފެދިފައިވާއިރު، އަދީބުގެ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރު ވާހަކަފުޅު ދެއްކެވީ ނަޝްވާގެ ހާޒިރުގައި ކަމަށެވެ.