ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓުތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމުން، އެއީ ފްލެޓު ލިބުނު ކަމުގެ ރަސްމީ ލިޔުން ކަމަށް ހައުސިން މިނިސްޓްރީން ބުނުމަށްފަހު، އެމަޝްރޫއުގެ ދަށުން 7000 ފްލެޓު ލިބުނު މީހުންނަށް މިއަދު ލިޔުން ހަވާލު ކުރަން ފަށައިފިއެވެ.
ހިޔާ މަޝްރޫއުގެ ފްލެޓަށް އެދި 22،000 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ފްލެޓު ލިބިފައިވަނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެފައިވާ 7000 ފަރާތަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
ފްލެޓު ކަށަވަރުވި ކަމުގެ ލިޔުމުގައިވާ ގޮތުގައި، ފްލެޓުގެ އެއްބަސްވުމާއި ފައިސާ ދެއްކުން ކުރިއަށް ގެންދާނީ ހައުސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވާލު ކޮށްފައިވަނީ ނަރުހުންނަށް ދޫކޮށްފައިވާ ފްލެޓުތަކުގެ ލިޔުމެވެ.
ފްލެޓުތައް ލިބުން ކަމަށް ނިންމި 7000 ފަރާތަށް ލިޔުންތައް ހަވާލުކުރަން ފަށާފައިމިވަނީ، ފްލެޓު ދޫކުރީ އިންސާފުން ނޫން ކަމަށް ބުނެ ކުރަމުންދާ ޝަކުވާތަކާއި ގުޅިގެން އެމައްސަލަތައް އަލުން ބަލާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ އޮފީހުން ބުނެފައިވަނިކޮށެވެ.