ރާއްޖެއިން ޝްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު މުޙައްމަދު ޙުސެއިން ޝަރީފު (މުންދު) އެމަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މުންދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރު ނިމި، އައު ސަރުކާރެއް އަންނަން ތައްޔާރުވެފައި ވުމުން ކަމަށެވެ.
"ޕީޕީއެމް ގެ ސަރުކާރު މިނިމެނީ ނޫންތޯ. އައު ސަރުކާރުގައި ހުންނަން ބޭނުމެއް ނޫން" އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މުންދު ވިދާޅުވީ، އޭނާ މަސައްކަތް ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި އައު ސަރުކާރުގައި މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.
މުންދު އަކީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ވެސް މެއެވެ.
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުކަމުގެ އިތުރުން މުންދު ވަނީ ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުކަން ވެސް ކޮންފައެވެ.