ދިވެހި ޤައުމަށް، ޚާއްޞަކޮށް އެމްއެންޑީއެފަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކާނަލް (ރޓ) މުޙަމަދު ނާޒިމް ބޭސްފަރުވާއަށްފަހު މިރޭ ރާއްޖެ ވަޑައިގަންނަވާނެއެވެ. އެމަނިކުފާނު އެނބުރި ޤައުމަށް ވަޑައިގަންނަވާނީ ޤައުމީ ބަޠޮލެއްގެ ދަރަޖައިގައެވެ.
ކާނަލް ނާޒިމްގެ ކޮއްކޮ އާދަމް ޢާޒިމް ވިދާޅުވީ މިރޭ ފެނިގެންމިދަނީ އަނިޔާވެރިކަމަށް ކުރިމަތިލާން ކެރުމުގެ ނަތީޖާ ކަމަށާއި އަނިޔާ ވެރިކަމާއި ބޭ އިންޞާފަށް ސާބިތުކަމާއިއެކު ނޫނެކެވެ ބުނަން ކެރުމުގެ ނަތީޖާ ކަމަށެވެ.
ޢާޒިމް ވިދާޅުވީ ކާނަލް ނާޒިމްގެ "ކަރުފުޅުގައި ފިސްތޯލައެއް ގަދަކަމުން އެލުވުމަށްފަހު" އެއީ ކާނަލް ނާޒިމް ގެންގުޅުއްވި ފިސްތޯލައެއް ކަމަށް ހަދައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހޫކުމެއް އިއްވުވުމުގައި ބައިވެރިވެ އެ އަނިޔާ ދިން މީހުންނަށް މިރޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތަކީ ދިވެހިންނަކީ އެއްވެސް އިރެއްގައި އަނިޔާވެރިކަމަށް ރުހި ޤަބޫލުވެ،
"ޢާމީން" ކިޔައިގެން ތިބޭނެ ބައެއް ނޫން ކަމެވެ. ކާނަލް ނާޒިމުގެ މައްސަލައިގައި ގިނަ ބައަކު އެންމެ ބޮޑަށް ފާހަގަކުރާ ކަންކަމުގެ ތެރޭގައި ފުލުހުންގެ ތަޙްޤީޤް ނުނިންމަނީސް ޙުކުމް ކުރުމާއި ތަޙްޤީޤުން އެ ފިސްތޯލައަކީ ކާނަލް ނާޒިމް އާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫންކަން ފުލުހުންނަށް ޔަޤީންކުރެވި އެކަން ހާމަކުރުމުން ވެސް އެ އެއިން އެއްވެސް މައްސަލައެއް ނުބެލި ކަމެވެ.
އެ ފިސްތޯލައިން 3 މީހެއްގެ ޑީއެންއޭ ފެނި، އެއިން އެއް ޑީއެންއޭ އަދީބާއި ދިމާވުމުން ދެން ފެނުނު 2 ޑީއެންއޭ އަކީ ކޮން ބައެއްގެ ޑީއެންއޭކަން ބަލައި ދިނުމަށް ކާނަލް ނާޒިމުގެ ފަރާތްޕުޅުން ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ނަމަވެސް މިއަދާއި ހަމައަށް އެކަމަސް ކުރި މަސައްކަތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.