އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ ކޯލިޝަން ރޫޅުނަ ނުދީ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ގުޅިގެން މަސައްކަތްކުރާނެ ސަރުކާރެއް ކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަޙްމްދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިމޭރުމުން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައެވެ. އެ ޚަބަރު ޕީއެސްއެމް ނިޔުސް އިން ހާމަކުރުމުން މާރިޔާ ޓްވީޓް ކުރައްވައި ވިދާޅުވީ، "ޤާނޫނު އަސާސީ އިޞްލާޙުކުރި ފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއްގައި ރައްޔތުންގެ ވޯޓު ކާމިޔާބުކުރަނީ ކޯލިޝަން ސަރުކާރެއް. އިންތިޚާބުވީމާ ރައްޔިތުން މިހާވާލުކުރާ އަމާނާތް ހަވާލުކުރަނީ ގުޅިގެން ވެރިކަން ހިންގަންކަން ހަނދާން ނައްތައިލެވޭކަށް ނެތް." ކަމަށެވެ.
ޕީއެސްއެމްނިޔުސްގެ ޚަބަރު: ދިވެހިން ބޭނުންވަނީ ކޯލިޝަން ސަރުކާރެއްކަން މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބަކުންވެސް ހާމަވާކަމަށާއި، އައު ސަރުކާރުން ކޯލިޝަން ރޫޅުނަނުދީ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ގުޅިގެން މަސައްކަތްކުރައްވާނެކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން އަލަށް ގެނެސްދޭންފެށި ސެވަންޓީފައިވް ޒީރޯ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސްގެ ތަރުޖަމާނު، މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމަކީ އުނދަގޫކަމެއްކަމަށާއި، އެހެންނަމަވެސް އެމްޑީޕީން މިފަހަރުގެ ކޯލިޝަން ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރާނެކަމަށެވެ. ޤައުމު ކުރިއެރުވޭނީ ހުރިހާ ލީޑަރުން އެއް މިސްރާބަކަށް މަސައްކަތްކޮއްގެންކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ހިންގާނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ އަޑު އަހައިގެންކަމަށެވެ. ކޯލިޝަންގައި ހިމެނޭ ޕާޓީތަކަކީ އެއްޕާޓީގައިހުރި އުނި ކަންތައްތައް އަނެއް ޕާޓީއަށް ފޫބައްދައިދެވޭފަދަ ޕާޓީތަކެއް ކަމަށާއި، މިއީ މިފަހަރުގެ ކޯލިޝަން ކާމިޔާބުވާނެކަމުގެ ނިޝާނެއްކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް 2008 ވަނަ އަހަރާ 2013 ވަނަ އަހަރުގެ އިތުރުން 2018 ވަނަ އަހަރުވެސް މި ފެނުނީ ކޯލިޝަން ޕާޓީތަށް ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ހޯދިތަން. މިކަމުން ސާބިތުވަނީ ރައްޔިތުން ބޭނުންވަނީ ކޯލިޝަން ސަރުކާރެއްކަން އެހެންނޫންތޯ؟ އަދި މިހާތަނަށް ކޯލިޝަންތަށް ރޫޅުމުން ސަރުކާރު ހިންގުމަށްވަނީ ވަރަށް ބޮޑެތި ދަތިތަކެއްވެސް ކުރިމަތިވެފައި.
އަޅުގަނޑުމެންގެ އަމާޒަކީ މިފަދަ ޙާލަތެއް އަޔަނުދިނުން. އެގޮތުން މަޝްވަރާކޮއްގެން ހުރިހާ ޕާޓީތަކެއް އެއްބަސްވާގޮތަށް ނިންމޭތޯ މި ބަލަނީ." މާރިޔާ ވިދާޅުވިއެވެ. އެމްޑީޕީއަކީ އަބަދުވެސް ޤައުމުގެ ލާބަޔަށް މަސައްކަތްކުރާނެ ޕާޓީއެއްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އެ ޕާޓީ ވެރިކަމަށް އައުމާއެކު ރައްޔިތުންގެ ޝުޢޫރުތަކާއި އަޑަކީ ސަރުކާރު ހިންގުމުގެ މައިގަނޑު އަސާސްކަމުގައި ހައްދަވާނެކަމަށެވެ.