އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ބޭއްވުމަށް: އިބޫ

ކިޔުމަށް ހޭދަވާނީ 2މ 19ސ
އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ބޭއްވުމަށް: އިބޫ

މިފެށޭ 11 ވަނަ ދައުރުގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވެފައިވާ ރައީސްގެ ހައިސިއްޔަތުން، އިންތިހާބީ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙު (އިބޫ) ގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ ރައްޔުތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރު ކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިއަދަކީ 50 ވަނަ ޖުމްހޫރީ ދުވަސް ކަމުގައިވުމުން، މިއަދުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި އިންތިހާބީ ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ޙަޔާތުގެ ތާރީޚަކީ ދިވެހި ރައްޔިތުންގެ ޤުރުބާނީތަކާއި، ޤައުމަށް ހުޔރި ލޯބި ރަމްޒުކޮށްދޭ ހަނދާންތަކެއް ކަމަށެވެ.

އިންތިހާބީ ރައީސް ވިދާޅުވެފައިވަނީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އުފައްދާ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި މަޝްވަރާގެ ރީތި އުސޫލުން ރައްޔިތުންގެ ކަންކަން ހިންގުމަށް ޤާއިމް ކުރެވޭ ވެރިކަމެއް ކަމަށެވެ.

"މިނިޒާމުގައި ވެރީންނަކީ ރައްޔިތުންގެ ޚާދިމުންނެެވެ. އެމީހުންގެ އެންމެ ބޮޑު ވާޖިބަކަށް ވާނީ ރައްޔިތުންނަށް ޖަވާބުދާރީ ވުމެވެ. އެމަގަށް ކަންކަން ނުދާނަމަ އެކަމުގައި ބަސްބުނެ، އެނޫން މަގަކަށް ޤައުމުގެ ހުންގާނު އަނބުރާލުމަކީ ވެސް ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ޙައްޤެކެވެ. ވެރިންގެ ގޮތުގައި އިސްކުރެވޭ ޚާދިމުންނަށް ހުރީ ރައްޔިތުންގެ ނިންމުމާ ރުހި ކިޔަމަންވުންކަމީ ޖުމްހޫރީ ވެރިކަމުގެ އެންމެ އަސާސީ އެއް ފަލްސަފާއެވެ." އިންތިހާބީ ރައީސް ސޯލިޙްގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވެފައިވަނީ، އެމަނިކުފާނު ދެކިލައްވާ ގޮތުގައި ވެރިއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާންވާނީ އެތަނެއްގައި ޢަދުލު އިންސާފު ޤާއިމް ކޮށްދިނުމެވެ. ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމަށްފަހު ވޭތުވެދިޔަ 10 ދައުރުގައި މިކަން ކުރެވިފައިވަނީ ކިހާ މިންވަރަކަށްކަމާއި، އެދައުރުތަކުގައި ވެރިން ކުރެއވި މަސައްކަތުގެ ފޮނިކަން ނުވަތަ ހިތިކަން ލިބިވަޑައިގެންފައި ވަނީ ކިހާ މިންވަރަކަށްކަން ނިންމަވާނީ ދިވެހި ރައްޔިތުން ކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވެފައިވެއެވެ.

"ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ފެށެން މިއުޅޭ 11 ވަނަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެފައިވާ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރު ކުރުމެވެ. ދައުލަތެއްގެ ޙަޤީޤީ ވެރިންނަނީ ރައްޔިތުންކަމާއި، މަޤާމުތަކަށް އިންތިހާބުވުމަކީ ރައްޔިތުން ޙަވާލުކުރާ ޒިންމާއެއްކަމާއި، އެއީ އެރުވޭ ޝަރަފެއް ނޫންކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމާއި، ހަނދާން ކޮށްދިނުމަކީ ވެސް އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކޭނަމެވެ" އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން