އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ލިޔުން އާންމުކުރާ މައްސަލައެއް ބަލަނީ

ކިޔުމަށް ހޭދަވާނީ 1މ 9ސ
އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ލިޔުން އާންމުކުރާ މައްސަލައެއް ބަލަނީ

އިސްލާމްދީނަށާއި މާތް ﷲ އަށް ފުރައްސާރަކޮށް ފޭސްބުކް ޕޭޖެއްގައި ލިޔުމާއި އެކިކަހަލަ ފޮޓޯތައްހަދައިގެން އާންމުކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިސްލާމްދީނާއި ޚިލާފު ވާހަކަތަކެއް ލިޔެ، ފޭސްބުކްގައި ފަތުރަމުންދާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ދިވެހި ބަހުން ލިޔެފައިވާ އެޕޭޖަށް އަދިވެސް ވަދެވެއެވެ. އަދި މިފަދަ ދެ ފޭސްބުކް ޕޭޖެއް އުޅޭކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

މާތް ﷲ އަށާއި މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އަށް ނިސްބަތްކޮށް ކާޓޫނު ކުރަހައި، ހުތުރު ބަހުން ފުރައްސާރަކޮށްފައިވާ އެޕޭޖުތައް ފޭސްބުކް އިން ފުހެލުމަށް ގިނަ ބަޔަކު ވަނީ ރިޕޯޓުވެސް ކޮށްފައެވެ. މިފަދަ ޕޭޖުތައް މީގެ ކުރިން ވެސް ހަދައިގެން ބަޔަކު ދަނީ އާންމުކުރަމުންނެވެ. އަދި ގިނަ ބަޔަކުވަނީ އެކަމާ ނުރުހުންވެސް ފާޅުކޮށްފައެވެ.

އިސްލާމްދީނާއި ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ލިޔެ ފެތުރުމަކީ ގާނޫނީ ގޮތުން ވެސް ކުށެކެވެ. ނަމަވެސް މިކަން ތަހުގީގު ކުރާނެ ކަމަށް ބުނެ ފުލުހުން ކުރި ޓްވީޓަށް އެކަކު ކޮމެންޓު ކޮށްފައިވަނީ މީހުންގެ ދީނީ ވިސްނުމާ ޝުއޫރަކީ "ފުލުހުންނާއި ބެހޭ ކަމެއް ނޫން" ކަމުގައެވެ. ނަމަވެސް އިސްލާމްދީން ހިމާޔަތް ކުރުމަކީ ފުލުހުންގެ ވެސް ޒިންމާއެއްކަން މަދު ބަޔަކަށް މެނުވީ އެނގޭނެއެވެ.

މިއަދު އޮންލައިން