ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަޒީރުން ދިވެހިންގެ ޤައުމިއްޔަތުވެސް ދޫކޮށްލެއްވީ ކަމަށް ބުނެ ރައްޔިތުންގެ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މިމޭރުމުން ކަންބޮޑުވުން ފައުޅުކުރަނީ ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަކުރަން ސަރުކާރުން ބެއްވި ހަމައެކަނި ރަސްމިއްޔާތު ކަމަށްވާ، ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީންވެސް އަދި ރައީސް ޔާމީނުގެ އެންމެ ވަޒީރަކުވެސް ބައިވެރިވެވަޑައިގެންފައި ނުވުމުންނެވެ.
ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ އައު އިންތިޚާބީ ރައީސް ހުވާ ކުރައްވަމުން ވަޑައިގެންނެވި ދުވަސް ނަމަވެސް ޚާއްޞަ ޙާލަތެއްގެ ސަބަބުން ސްޕްރީމް ކޯޓުން ނެރުނު އަމުރަކާއިއެކު 2013 ވަނަ އަހަރު ރައީސް ޔާމީން ހުވާ ކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހު ކަމަށްވުމުން އައު އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު 11 ވަނަ ދުވަހު ބާއްވަން ރައީސް ޔާމީން ވަނީ ފުރުޞަތު ނުދެއްވައިފައެވެ.
އެހެންކަމުން ވެރިކަމުގައި ހުންނަވައި ދިވެހިން އެދުވަހަކަށްޓަކައި ފަޚުރުވެރިވާ ޖުމްހޫރީ ދުވަސް، ޚާއްޞަކޮށް ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ ރަންޔީބިލް ދުވަސް ފާހަގަކުރުމުގައި ރައީސް ޔާމީނު މިވަނީ ވަރަށް "ދެރަވަރު ގޮތަކަށް" އަމަލުކުރައްވާފައި ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.