ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ފަސް އަހަރުގެ ވެރިކަން ނިމޭއިރު 23 ބިލިއަން ރުފިޔާއިން ދައުލަތުގެ ބަޖެޓު އިތުރަށް ދަރަނިވެރިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާއި ބެހޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ފިނޭންސް މިނިސްޓަރ މުނައްވަރު ވިދާޅުވީ ފަސް އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނީގެ ގޮތުގައި ހުންނާނީ 48.6 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހެންކަމުން މިހިނގާ ފަސް އަހަރުގެ ދައުލަތުގެ ބަޖެޓު އިތުރަށް ދަރަނިވެރިވެފައިވަނީ 23 ބިލިއަން ރުފިޔާއިން ކަމަށް ވެސް މުނައްވަރު ވިދާޅުވެފައިވެއެވެ.
ދައުލަތުގެ ޖުމްލަ ދަރަނި 48.6 ބިލިއަނަށް އަރާއިރު ޖީޑީޕީގެ ނިސްބަތުން އެއީ 58.9 އިންސައްތަ ކަމަށާއި ދައުލަތުގެ ދަރަނި 2013 ވަނަ އަހަރު ހުރީ 25.6 ބިލިއަން ރުފިޔާގައި ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.