އަންނަ ސަރުކާރުން މަސައްކަތް ކުރަން ޖެހޭނީ ރައީސް ޔާމީނުގެ ސަރުކާރުގައި ބިން ހިއްކި ރަށުގެ އަދަދަށްވުރެ ގިނައިން ބިން ހިއްކުމާއި ހެދި ބަނދަރުގެ އަދަދަށްވުރެ ގިނައިން ބަނދަރު ހެދުމުގެ ސިޔާސަތުގައި ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. މިއީ ބަލައިގަންނަން ޖެހޭނެ ވާހަކަފުޅެކެވެ.
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮބައިކަން މިއަދު މިދަނީ އެނގެމުންނެވެ. ސަރުކާރުގެ ކުންފުނިތަކުގެ ޙާލަތު މިދަނީ އެނގެމުންނެވެ. ރައީސް ޔާމީނުގެ ކެންޕޭނު އެޖެންޓް އެމްޑީކަން ކުރައްވާ މިފްކޯގެ ދަރަނި 600 ވަރަކަށް އަރާފައިވާ ކަމަށް ބެލެވޭއިރު ނުލިބޭ މުދަލުގެ އަގު ގެ ގޮތުގައި 50 މިލިއަން ރުފިޔާ ދީފައިވާ މައްސަލައެއް މިއަދު މިވަނީ ފެތުރިފައެވެ. އެލްސީ ހުޅުވައިގެން ގެންނަ މުދަލެއް ނުލިބެނީސް މުދާ ލިބުނު ކަމަށް ހަދައި ސޮއިކޮށް ފައިސާ ދޫކުރުމަށް ކިޔާނެ ވައްކަން ނޫން ނަމެއް ރަދީފުގައި އޮންނަ ނަމަ އެކަން ޑރ. މުޢިއްޒު ވިދާޅުވެ ދެއްވުން ރަނގަޅުވާނެއެވެ.
ޑރ. މުޢިއްޒުއެވެ. ފާއިތުވި 10 އަހަރަށް ބެލި ނަމަވެސް ހައްޖުވެރިންގެ ފައިސާއަށް އަމިއްލަ ގްރޫޕުތަކުން ޚިޔާނާތްތެރި ނުވާ އަދަދަށް ހައްޖު ކޯޕޮރޭޝަނުގެ ފައިސާ ގެއްލިފައިވާކަން އެނގުމުން ކަންބޮޑު ނުވާނީ ކާކުތޯއެވެ؟ 30 މިލިއަން ރުފިޔާ ކިތައް ސަތޭކަ ހައްޖުވެރިން ދެއްކި ފައިސާތޯއެވެ.
ކުރީ ސަރުކާރުން އަޅަން ފެށި ފްލެޓްތައް ނިންމައި ފްލެޓްތައް ދޫކުރިއިރުވެސް ޑރ. މުޢިއްޒު ވިދާޅުވަމުން ގެންދެވީ ކަންކަން ކުރެއްވީ ހަމަ އެންމެ އިންޞާފުން ކަމަށެވެ. ނަމަވެސް ކަންކަން ފަޅާއަރައި ސަލާމަތް ނުވެވުމުން ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވައި "މިފަހަރު މިހެންވިއަސް ކަންބޮޑު ނުވާށޭ. އަދި ފަހުން އެންމެންނަށް ފްލެޓް ދޭނަމޭ" ބުނަން ޖެހުނުކަން ޑރ. މުޢިއްޒުގެ ހަނދުމަފުޅުގައި ނެތްނަމަ ދަންނަވަން ޖެހެނީ އެހެން ވިދާޅުވީ އަހްމަދު ނިހާން ހުސައިން މަނިކު ކަމަށެވެ. ވީމާ މިއަދު ތިއަ ދެއްވާ ޔަޤީންކަން ބަލައިގަތުމަކީ ކޮން ގޮތަކުން ކުރެވޭނެ ކަމެއްކަންވެސް ވިދާޅުވެ ދެއްވުން ކީއްތޯއެވެ؟
ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީނުގެ ސަރުކާރުން ކުރި ވަރަށް ވައްކަން ނުކުރާ ސަރުކާރެއްވެސް ނޫނެވެ. އެންމެ ރުފިޔާއަކުން ނަމަވެސް ވައްކަން ނުކުރާނެ ސަރުކާރެކެވެ. ހަމަ އެކަނި އުފައްދާ "އިންޓެލިޖެންސް ހެކި" ހުއްޖަތަކަށް ދައްކައި ރައްޔިތުން ހިފައި ހައްޔަރުކޮށް ޖަލުގައި ބަންދުނުކުރާނެ ސަރުކާރެކެވެ. އިސްލާމް ދީނުގައި ހަރާމް ކަންކަން ހުއްދަކޮށް އެކަންކަން ކުރަން ހިތްވަރު ނުދޭނެ ވެރިއެއްގެ ވެރިކަމެކެވެ.