ކުރިއަށް އޮތްތަނުގައި ކޯލިޝަނުގެ 4 ލީޑަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއް ކޮންމެ މަހަކު އެއްފަހަރު ބާއްވަވާނެ ކަމަށާއި މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާ ވަރުގެ ކަމެއް ކުރިމަތިވެވަޑައިގެންފިނަމަ އިތުރަށްވެސް ބައްދަލުވުންތައް ބާއްވަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި މިއަދު ކުރިއަށް ގެންދެވި ބައްދަލު ކުރެއްވުމަށްފަހު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ މިގޮތުން ބާއްވަވާ ބައްދަލުކުރެއްވުންތަކުގައި ޤައުމުގެ ބޮޑެތި ކަންކަމަށް މަޝްވަރާކުރައްވާނެ ކަމަށެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށާއި އެމަނިކުފާނުގެ ނައިބަށް ކާމިޔާބުކުރެއްވުނީ 4 ލީޑަރުންގެ ފުރިހަމަ ބައިވެރިވެވަޑައިގަތުމާއިއެކުގައި ކަމަށެވެ. އަދި އެއިރު 4 ލީޑަރުން ތަފާތު ބަންދުގައި ތިއްބެވުމުން އެކުގައި ބައްދަލު ނުކުރެއްވުނު ކަމަށާއި މިއީ 4 ލީޑަރުންނާއިއެކު ބޭއްވެވެވުނު ފުރަތަމަ ބައްދަލުކުރެއްވުން ކަމަށެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ނިމިގެންދިއަ އިންތިޚާބާއި ބެހޭ ގޮތުންނާއި ކެބިނެޓް އެކުލަވައިލުމާއިބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި މަޝްވަރާ ކުރެއްވުނު ހުރިހާ ކަންކަމުގައިވެސް އެއްބަވެވަޑައިގެންނެވިފައިވާ ކަމަށެވެ. "އަޅުގަނޑުމެންނަށް އެއްބަސްވެވުނީ އިންތިޚާބުގެ ދުވަސްވަރު އޮތް ބަދަހި ގުޅުންމަތީގައި އަބަދުވެސް ދެމިތިބުމަށް. މިހާރު 4 ލީޑަރުން މި ތިއްބެވީ މިނިވަންކަމާއިއެކު. އެއްމޭޒުދޮށުގައި މަޝްވަރާ ކުރެއްވޭނެ ގޮތަށް. ވީމާ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ނަމަވެސް ރައްޔިތުންނަށް ރވެފައިވާ ވައުދުތައް ދާނީ ފުއްދައި ދެވެމުން." ކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.