އިންތިޚާބީ ރައީސަށް ލަފާ އެރުވުމުގަ އެންމެ އިސްކޮށް ތިބޭނީ ކޯލިޝަނުގެ ލީޑަރުން - ރައްޔިތުންގެ އުންމީދުތައް ދާނީ ފުރިހަމަވަމުން: ޝައިޚް އިމްރާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އިންތިޚާބީ ރައީސަށް ލަފާ އެރުވުމުގަ އެންމެ އިސްކޮށް ތިބޭނީ ކޯލިޝަނުގެ ލީޑަރުން - ރައްޔިތުންގެ އުންމީދުތައް ދާނީ ފުރިހަމަވަމުން: ޝައިޚް އިމްރާން

ކޯލިޝަނުގެ 4 ލީޑަރުންނާއި އިންތިޚާބީ ރައީސް އަދި ނައިބް ރައީސް އެކުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމަވާފައިވަނީ އިންތިޚާބީ ރައީސް އަށް ލަފާއެރުވުމުގައި އެންމެ އިސްކޮށް ތިއްބަވާނީ 4 ޕާޓީގެ ލީޑަރުން ކަމަށާއި އެހެން ކަމަށްވާނަމަ ރައްޔިތުންގެ އުންމީދުތައް ދާނީ ފުރިހަމަވަމުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

 

ހޮޓެލް ޖެންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމަށްފަހު ޝައިޚް އިމްރާން ވިދާޅުވީ މިކަމުން ވެސް އެނގިގެންދަނީ އިންތިޚާބީ ރައީސްގެ ސަރުކާރަކީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭނެ ސަރުކާރެއް ކަމެވެ.

 

"އަޅުގަނޑުމެން އެދެނީ މިސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް. ރައްޔިތުންނަށް ފައިދާ ޢާއި މަންފާ ކުރާނެ ސަރުކާރަކަށް ވުމަށް. ކޮންމެ މަހަކު ބާއްވާ ބައްދަލުކުރުންތަކުގައި ރައްޔިތުންނަށް އެންމެ ފައިދާ އާއި މަޞްލަހަތު ހުރި ކަންކަން އެޖެންޑާކުރެވިގެންދާނެ. ހުރިހާ ކަންކަން ނިންމާނީ މަޝްވަރާކޮށް އެއްބަސްވެގެން ކަމަށް މިވަނީ. އެއްބަސްވެވިފަ." ކަމަށްވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.

 

ޝައިޚް އިމްރާން ވިދާޅުވީ 4 ޕާޓީގެ މަޝްވަރާ އާއިއެކު ކަންކަން ނިންމާނަމަ ދާނީ ރައްޔިތުންގެ އަޑު އުފުލެމުން ކަމަށާއި އެ އަޑުތައް އަހައިގެން ކަންކަން ނިންމާނަމަ ހުރިހާ ކަމެއްވެސް ނިމެމުންދާނީ ރަނގަޅަށް ކަމަށެވެ.

މިއަދު އޮންލައިން