ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު އާޒިމާ ޝުކޫރު، އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިއްތިއުފާ ދެއްވައިފިކަން އާޒިމާ އިއުލާނު ކުރެއްވީ، އޭނާގެ އަމިއްލަ ފޭސްބުކް ޕޭޖުގައި، މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އެޕޯސްޓްގައި އާޒިމާ ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ އެންމެ ފަހު ދުވަހުގެ މަސައްކަތްތައް ދެންމެ ނިންމަވާލައްވައިފި ކަމަށާއި އަދި ހުންނެވި މަގާމުން ވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގެ މަގާމަށް އާޒިމާ ހަމަޖައްސާފައިވަނީ 2016 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
މިހިނގާ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ރައީސްކަމާއި ހަވާލުވެ ހުވާ ކުރެއްވުމުގެ ކުރިން، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ އިލްތިމާސް ކުރައްވާފައެވެ.