ރައްޔިތުން ބޭނުންވާ ކުރިއެރުން ހޯދަން އެންމެން އެކުވެރިވުމަށް ޤާސިމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ރައްޔިތުން ބޭނުންވާ ކުރިއެރުން ހޯދަން އެންމެން އެކުވެރިވުމަށް ޤާސިމް ގޮވާލައްވައިފި

23 ސެޕްޓެމްބަރުގެ ވޯޓަށްފަހު ރައްޔިތުން ބޭނުންވާ ކުރިއެރުން ހޯދުމަށްޓަކައި ހުރިހާ ރައްޔިތުންވެސް އަދި ސިޔާސީ ޕާޓީތަކާއި ހުރިހާ މުއައްސަސާތަކެއްވެސް އެކުވެރިވާންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

 

މެންބަރު މުބީން އާއި ޤާރީ ރަޝީދު ޖޭޕީ ޢާއި ގުޅުމަށް މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި މަޖިލީހުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި އެ މަސައްކަތްތައް ކުރުމަށް މެންބަރުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އެހެންކަމާއިއެކު ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދީގެން ރައްޔިތުންނަށް ވީހައި ބޮޑު ކުރިއެރުމެއް ހޯދައި ދިނުމަށް ކަމަށެވެ.

 

މެންބަރުން ޕާޓީ ބަދަލުކުރަމުން ގެންދާ މައްސަލައިގައި ޤާސިމް އިބްރާހީމް ވިދާޅުވީ އިންސާނުން އަބަދުވެސް މަސައްކަތް ކުރާނީ ކުރިއެރުން ހޯދަން ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ދުނިޔޭގައި އުޅޭނީ ކަންތައްތަކަކަށް އެދިގެން އަދި އުންމީދާއި ޔަޤީންކަންވެސް އޮވެގެން ކަމަށެވެ. ކަންކަމަށް އުންމީދުކުރަން އަދި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

 

މެންބަރުންނަށް ޓިކެޓް ދިނުމާއި ބެހޭ ގޮތުން ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ލިޔެވިފައިވާ ހަމަތަކާއި އުޞުލުތަކާއި އަސާސްތަކާއި އެއްގޮތަށް ކަމަށެވެ. "އެއީ ﷲ ތަޢާލާ ރުހިވޮޑިގެންވާ ގޮތަކީވެސް. ޤައުމަކަށް ވީތީ އަދި އިންސާނުންނަށް ވީތީ ކަންކަން ހިނގަމުން ދާން ޖެހޭނީ އެ އުޞޫލުން. އަލަށް ގުޅިވަޑައިގެން ނަމަވެސް ޕާޓީގެ ޤަވާއިދުތަކާއި އުޞުލުތަކުގެ ތެރެއިން މަސައްކަތް ކޮށްގެން ހޯދާ ކާމިޔާބީއަކީ އަޅުގަނޑުމެންނަށާއި އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ކާމިޔާބީއެއް. އެކަމަށް އެވެސް މީހަކު ޖެހިލުންވެގެން ނުވާނެ. އެއީ އެއްވެސް މީހެއްގެ ދޮރު ބަންދުވުމެއް ނޫން. އެއްވެސް މީހެއްގެ ދޮރު އަޅުގަނޑުމެން ބަންދެއް ނުކުރާނަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

މިއަދު އޮންލައިން