އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޑިއާއިން ފުރާ ވަޑައިގެންފިއެވެ.
މީގެއިރުކޮޅެއް ކުރިން މޯދީ ފުރާ ވަޑައިގެންފިކަމުގެ މައުލޫމާތު ލިބިފައިވި ނަމަވެސް، އެމަނިކުފާނު މާލެ ވަޑައިގަންނަވާނެ ގަޑިއެއް އަދި ވަނީ އެނގޭގޮތް ނުވެފައެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ހަމަ މިއަދުގެ ވަގުތެއްގައި މޯދީ އެނބުރި ޤައުމަށް ވަޑައިގަންނަވާނެއެވެ.
މިއަދު ހަވީރު 17:00 ގައި އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ކުރިއަށްދާއިރު، ބޭރުގެ އިއްޒަތްތެރިންނާއެކު އެރަސްމިއްޔާތުގައި 11500 މީހުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައިވެއެވެ.