އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.
މީގެ ކުޑައިރުކޮޅެެއް ކުރިން މޯދީ ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނަށް އިސްތިގުބާލު ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް ގާސިމް އިބްރާހިމް އެއާޕޯޓަށް ވަޑައިގަތެވެ.
މަޖިލީހުގެ ރައީސްގެ އިތުރުން ދައުލަތުގެ ބައެއް އިސްވެރިންނާއި މަޖިލިސް މެމްބަރުން ވެސް އިންޑިއާގެ ބޮޑު ވަޒީރަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެއާޕޯޓަށް ވަޑައިގަތެވެ.
މިއީ މޯދީ ރާއްޖެއަށް ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބު ރައީސް ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު މިއަދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެނބުރި ޤައުމަށް ވަޑައިގަންނަވާނެއެވެ.