ޤައުމާއި މުޚާޠަބް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު ރައްޔިތުންގެ އެންމެ ބޮޑު ތަރުޣީބެއް ލިބި އަތްތިލަބަޑީގެ އަޑު އެންމެ ގަދަވެގެންދިއައީ ރައީސް ޔާމީނުގެ ސަރުކާރުގެ ވައްކަންތަކުގެ މައްސަލަ ބައްލަވާނެ ކަމުގެ ޔަޤީންކަން ރައީސް ޞާލިޙް ދެއްވުމުންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި މިއަދު ޙަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ މާލީ ޙާލަތު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށެވެ. ހަމައެކަނި ސިޔާސީ ބޭނުންތަކަށް، ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫޢުތަކަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑުކަމަށެވެ.
ހަމައެއާއިއެކު ޚިޔާނާތާއި، އެކި ފަންތީގައި ހިނގި ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި ކަމަށާއި އެއީ ރައްޔިތުންނަށްޓަކައި ޚަރަދުކުރަންހުރި ރައްޔިތުންގެ ފައިސާ ކަމަށެވެ. ވައްކަމާއި، ކޮރަޕްޝަނާއި، އިހުމާލުގެ ސަބަބުން ގެއްލިފައިވާ ފައިސާގެ މިންވަރު އަދިވެސް ސާފު ނުވާ ކަމަށާއި ދައުލަތުގެ މާލިއްޔާގެ ޙާލަތު މިގޮތުގައި އޮތް ނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި، ކުރަންޖެހޭކަންކަމަށް އުނިކަމެއް ނައިސް ކުރިޔަށް ގެންދިއުމަށް ޢަޒުމް ކަނޑައަޅުއްވައިގެން ހުންނެވި ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ދުނިޔޭގެ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ އެހީތެރިކަން މިކަމުގައި ހޯދަންޖެހޭ ކަމަށާއި އަދި ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި، އިތުބާރާއި ޔަޤީންކަންވެސް މި މަސައްކަތުގައި ލިބެމުންދާނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ މިއަދު ދިވެހި ޤައުމު ވައްޓާލާފައިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް، ކުރިއަށްދިއުމަށްޓަކައި، ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤުތައް އެފަރާތްތަކަށް ހޯދައިދޭންޖެހޭ ކަމަށެވެ. އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދޭންޖެހޭ ކަމަށާއި ދިވެހި ދައުލަތުގެ ޚަޒާނާއިން ގެއްލުވާލާފައިވާ ފައިސާ އަނބުރާ ދިވެހީންނަށް ހޯދައިދޭންޖެހޭ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ގޮތްނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ޙަޤީޤަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށާއި އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިއަށް ދިއުމަށްޓަކައި، މި ކަންކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.