ރާއްޖޭގައި މިފަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ފެނުނީ ހފައުޅުގައި ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުންގެ ވިސްނުން ތަފާތު ކަމެވެ. އެހެންކަމުން އެއްވެސް ކަމެއްގައި ރައްޔިތުންގެ ވިސްނުން އެއްގޮތް ނުކުރެވޭނެ ކަމެވެ. އެކަން އެގޮތަށް އޮންނަނީ ހަމައެކަނި ރާއްޖެއަކު ނޫނެވެ. ހުރިހައި ޤައުމެއްގައިވެސް އެކަން އޮންނަނީ އެގޮތަށެވެ.
އަދި ހުރިހާ ޒަމާނެއްގައިވެސް އެކަން އޮންނަނީ ހަމައެގޮތަށެވެ. ވީމާ ރާއްޖޭގެ ޙާލަތު އިސްތިސްނާވުން ވާނީ މުސްތަޙިއްލު ކަމަށެވެ. 23 ސެޕްޓެމްބަރުގައި ވޯޓުލީ މީހުންގެ 58 އަށް އިންސައްތައަށްވުރެ މަތީ އަޣްލަބިއްޔަތަކުން ރައްޔިތުން ވެރިކަމަށް ގެނައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވަނީ މަޤާމުގެ ހުވާ ކުރައްވައިފައެވެ.
އެއީ ރައްޔިތުންގެ ނިންމުމެވެ. އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެވަނީ ހުވާކޮށްފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން އެރުވި ބާރާއި އިޚްތިޔާރުގެދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވެވި ވަޒީރުންގެ މަޖިލީހެކެވެ. މިއަދު ބަލަންވީ އެ މަޖިލީހުގައި ހިމެނޭ ވަޒީރުންނަށް ފާޑުކިޔައި ފިތުނަ އުފެއްދުމަކަށް ނޫނެވެ. ފާޑިކިޔަން ބޭނުން މީހާއަށް ފާޑު ނުކިޔޭނެ ހަމަ އެކަކު ވެސް ނުހުންނާނެއެވެ! ހަމަ އެއާއެކު އެއްވެސް އިންސާނަކީ އެއްވެސް ކަމެއް ފުރިހަމަ މީހެއް ނޫނެވެ.
ވީމާ ފާޑުކިޔަން ބޭނުންވާ މީހާއަށް ފާޑުކިޔޭނެ ކަންތައްތައްވެސް ފެންނާނެއެވެ! ވަޒީރުންގެ މަޖިލިސް އެކުލަވައިލެވިފައިވަނީ ކޯލިޝަނުގެ ވެރިން ބޭނުންވި ގޮތަކަށް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވި ގޮތަށެވެ. 4 ލީޑަރުންގެ ބައްދަލުވުމަށްފަހު ރައީސް ނަޝީދު ވަނީ އެ އިޚްތިޔާރު 4 ލީޑަރުންގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއާއަށް އެރުވިކަން އިއުލާނުކުރައްވައިފައެވެ.
ރައީސް ނަޝީދަކީ ކޯލިޝަނުގެ އެންމެ އިސް ލީޑަރު ކަމަށް ބަލައިގަންނަން ވެސް ޖެހެއެވެ. އެއީ ސަރުކާރުގެ 40 އިންސައްތަ ހިއްޞާ ކުރަނީ އެމްޑީޕީން ކަމަށްވާތީއެވެ. މިއަދު ފާޑުކިޔަންވީ ވަޒީރުންނަކަށް ނޫނެވެ. ފާޑުކިޔަންވީ ވަޒީރުން ވަޒީރުކަމާއި ހަވާލުވެ ކުރއްވާ މަސައްކަތަށެވެ. ތަޖުރިބާއަކީ ހުރިހައި ކަމެއް ނަމަ ރައީސް ޔާމީނުގެ ވެރިކަން ކިހައި ފުރިހަމަވީސްތޯއެވެ؟ ސަރުކާރެއް ހިންގުމުގައި ރައީސް ޔާމީނުގެ ނެތީ ކޮން ތަޖުރިބާއެއްތޯއެވެ؟ އެހެންކަމުން ތަޖުރިބާ ކިތަންމެ ގިނަ ނަމަވެސް އިޚްލާޞްތެރިކަމެއް ނެތިއްޖެނަމަ އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމާއި ލިބޭނީ ބޮޑެތި ގެއްލުމާއި އަނިޔާތައްކަން މިދަނީ ފެނި ސާބިތުވަމުންނެވެ.
މިއަދު އެންމެންވެސް ދެލޯ ބޮޑުކޮށް ބަލައި ތިބެންވީ، ސިކުނޑި ހުޅުވައި ވިސްނައި ފާރައަށް ތިބެންވީ ވަޒީރުން ކުރައްވާ ކަންކަމަށެވެ. މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށެވެ. ކިރިޔާވެސް ކަމެއް ނުރަނގަޅު ގޮތުގައި ކޮށްފިނަމަ އަވަހަށް އެކަން ފާހަގަކުރަންޖެހޭނެއެވެ. އިޞްލާޙްކުރަން މަސައްކަތް ކުރަން ޖެހޭނެއެވެ. އިސްތިޢްފާއަށް ގޮވަން ޖެހިއްޖެ ނަމަ އެކަންވެސް ކުރަން ޖެހޭނެއެވެ.
މުޒާހަރާކުރަން ޖެހިއްޖެނަމަ އެކަމަށްވެސް ފަސްޖެހިގެން ނުވާނެއެވެ. ވީމާ މިއަދު އޮތް އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުކުރެވެނީ ވަޒީރުންނަށް ފާޑު ނުކިޔައި މަޑުކޮށްލުމެވެ. ވަޒީރުންގެ މަޤާމުގައި ތިއްބަވައިގެން ކަންކަން ކުރައްވާ ގޮތަށް ފާޑުކިޔަން އިންތިޒާރުކުރުމެވެ. އެންމެން ރުހޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ވޯޓުގެ ނަތީޖާ އަށް ބަލައިފިނަމަ 41 އިންސައް މީހުން ވޯޓު ދީފައިވަނީ ޤައުމަށް ކިތަންމެ ބޮޑު ގެއްލުމެއް ދިން ނަމަވެސް ތިމާމެންގެ ބޭނުންތައް ފުދޭނަމަ އެއްވެސް މައްސލައެއް ނެތް ކަމަށެވެ. ކިތަންމެ ވަރަކަށް ވައްކަންކޮށް އަނިޔާވެރިވި ނަމަވެސް ތިމާމެންނަށް ރަނގަޅު ވަޒީފާތައް ލިބި ޖީބުތަް ފުރެމުން ދާނަމަ އެކަންކަމަށް ހިތްވަރުދޭން ތިބި ކަމެވެ. އިސްލާމް ދީނުގެ ޙުކުމްތައް ފައުޅުގައި މުގުރައި ޙަރާމް ކަންކަން ކުރުމަށް ވަލިއްޔުލްއަުމުރު ހިތްވަރު ދިނުމަކީ ވެސް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.