ޝައިޚް އިމްރާނު ވަޒީރުކަމަށް ޝަރުޠު ހަމަނުވާނަމަ ސްޕްރީމް ކޯޓުން ހުވާލައިދޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޝައިޚް އިމްރާނު ވަޒީރުކަމަށް ޝަރުޠު ހަމަނުވާނަމަ ސްޕްރީމް ކޯޓުން ހުވާލައިދޭނެތަ؟

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން، ހޯމް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވުމުން އެކި ގޮތްގޮތުން ކޮޅުތައް ނެރެގެން ސުވާލު އުފައްދަމުން ގެންދާއިރު ޝައިޚް އިމްރާނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުކަމަށްވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރެވެ. ޝައިޚް އިމްރާނުގެ މައްސަލަ ބަލަމުން ގެންދަނީ ސްޕްރީމް ކޯޓުންނެވެ. 

 

ޝައިޚް އިމްރާނުގެ މައްސަލައިގައި ސްޕްރީމް ކޯޓުން އިތުރަށް ބަލަންޖެހޭ އޮތްކަމަކަށް މިހާރަކު ޤަބޫލެއް ނުކުރެވެއެވެ. ހުރިހާ ކަމެއް ސްޕްރީމް ކޯޓަށް ވަރަށް ރަނގަޅަށް އެނގެއެވެ؟ އެހެންކަމަށްވާއިރު ޝައިޚް އިމްރާން އަކީ މިނިސްޓަރުކަމަށް ކުފޫ ހަމަނުވާ، ނުވަތަ ޤާނޫނީ ހުރަހެއް އޮތް ބޭފުޅެއްނަމަ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުވާ ލައިދެއްވާނެ ކަމާއިމެދު ސުވާލު އުފެއްދުން މާމުހިންމު ކަމަށް ފެނެއެވެ. 

 

ރާއްޖޭގެ ސްޕްރީމް ކޯޓާއި އެހެން ކޯޓުތައްވެސް މިހާރު ހަރަކާތްތެރިވަމުން ދަނީ ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއިއެކުގައި ކަމަށްވާއިރު ޝައިޚް އިމްރާން އަކީ މަޤާމަށް ކުފޫ ހަމަނުވާނެ އެއްވެސް މައްސަލައެއް އޮތް ބޭފުޅަކު ނަމަ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފް ހުވާ ލައި ދެއްވާނެ ކަމަށް ޤަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 

 

މަޝްހޫރު ޤާނޫނީ ވަކީލު ޙުސައިން ޝަމީމް ރޭ ވިދާޅުވީ ޝައިޚް އިމްރާނު މިނިސްޓަރު ކަމަށް ޢައްޔަނުކުރެއްވުމުގައި އެއްވެސް މައްސލައެއް ނެތް ކަމަށާއި ސުވާލެއް އުފެދުނު ނަމަވެސް އުފެދޭނީ އަދި މާފަހުގެ މަރުޙަލާތަކެއްގައި ކަމަށެވެ. މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅުމުން ކަމަށެވެ. އެހެންކްމުން މިހާރު ކުރިއަށްދާ މަރުހަލާގައި ސުވާލުތަކެއް އުފެއްދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. 

 

ޝަމީމް ވިދާޅުވީ މިމަރުހަލާގައި ޝައިޚް އިމްރާނަށް ލިބިވަޑައިގަންނަވަން ޖެހޭ އެއްވެސް ޙައްޤަކުން މަޙްރޫމް ކޮށްފި ނަމަ އެމާއިމެދު ސުވާލު އުފެއްދުމުގެ ޙައްޤު ޝައިޚް އިމްރާނަށް ލިބިވަޑައިގަންނަވާ ކަމަށެވެ. 

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވާ ކަންކަން ކުރައްވާނީ ޤާނޫނީ ލަފާ ހޯއްދަވައިގެން ކަމާއިމެދު މިހައި އަވަހަށް ޝައްކު އުފެއްދުމަކީ ކުރުން އެންމެ ރަނގަޅު ކަމެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

މިއަދު އޮންލައިން