ދިރާސާތަކުން ދައްކާ ގޮތުގައި ތުއްތު ކުދިންނަށް ކާންދޭއިރު ނުވަތަ ބުއްފުޅިދޭއިރު އަތުގައި ނުވަތަ އުނގުގައި ބާއްވައިގެން ކާން ދިނުމަކީ ނުވަތަ ބުއްފުޅި ދިނުމަކީ ދަރިފުޅުގެ ހިތުގައި މައިމީހާއަށް ލޯބި އިތުރުވާ ކަމެކެވެ.
އެކަން ކުޑައިރު ކުދިންގެ ކިބައިން ނުފެދިދާނެއެވެ، ނަމަވެސް ބޮޑެތިވެ އެކުދިންގެ އެހީތެރިކަމަށް ބޭނުންވާ ދުވަހު އެކަން ފެނިގެންދާނެއެވެ. ބުއްފުޅި ދިނުމަށް ބެލި ނަމަވެސް ތަނެއްގައި ބާއްވައިގެން ދިނުމަށްވުރެ އުރާލައިގެން އިނދެ ދޭނަމަ ކުއްޖާއަށް ބޯން ފަސޭހަވާނެއެވެ. ދިރުވަންވެސް ފަސޭހަވާނެއެވެ. އަދި އެވަގުތު މައިމީހާގެ ހޫނު ދަރިންނަށް ލިބެމުން ދިއުމަކީ ބުއިމަށް ކުދިންގެ ޝައުޤްވެރިވާ ކަމެކެވެ.
ކިރިޔާ ކަރު ހަރުލާއިރަށް ތިއަ ލަނީ ކޮށްޓަކަށެވެ. ނުވަތަ އެފަދަ އެއްޗަކަށެވެ. ބައެއް މައިން ގާތުގައި ކިރުހުރި ނަމަވެސް ގާތުން ދިނުމުގެ ބަދަލުގައި ތިއަ ދެނީ ބުއްފުޅިއެވެ. އެހިސާބުން މައިމީހާ އާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
އެގޮތަށް ގެންގުޅެ ބޮޑުކުރުމަށްފަހު ދަރިން ލޯބި ނުވި ވާހަކަ އާއި އަޅައި ނުލިވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ދިރިއުޅުމުގެ ހާލަތާއި ކަންކަން ހުންނަ ގޮތުން ތަފާތު ގޮތްގޮތަށް ދަރިން ގެންގުޅެން ޖެހިދާނެއެވެ. އެކަމަށް ކުރެވޭނެ ކަމެއް ނެތި ވެސް ހިނގައިދާނެއެވެ. ނަމަވެސް އެފަދަ ޚާއްޞަ ޙާލަތެއް ކުރިމަތިވެފައި ނުވާނަމަ މިބުނި މަގުން ކަންކަން ކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ކިތަންމެ ވަރަކަށް ސަމާލުކަން ދީގެން ކުދިން ގެންގުޅުނު ނަމަވެސް ބޮޑުވުމުން އޯގާތެރި ނުވާ ދަރިން ތިބެދާނެއެވެ. އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އެއީ ތިބާއަށް ލިބޭ އިތުރު ނިޢްމަތެކެވެ.
އެކަން ނިޢްމަތެއްގެ ގޮތުގައި ފެނިގެންދާނީ ޤިޔާމަތް ދުވަހުއެވެ. ދަރިންގެ ކިބައިން މައިން ބަފައިންނަށް ލިބެންޖެހޭ ލޯތްބާއި އަޅައލުން ނުލިބި އޮތްނަމަ އެދުވަހުން އެކަންކަމުގެ ފުރިހަމަ ބަދަލު ލިބޭނެތީއެވެ.