އިންޓަޕޯލްގެ އާ ރައީސް - ދެކުނު ކޮރެއާގެ ފުލުހެއް

ކިޔުމަށް ހޭދަވާނީ 1މ 16ސ
އިންޓަޕޯލްގެ އާ ރައީސް - ދެކުނު ކޮރެއާގެ ފުލުހެއް

އިންޓަޕޯލްގެ އައު ރައީސް ކަމަށް ދެކުނު ކޮރެއާގެ ފުލުހެއް ކަމަށްވާ ކިމް ޖޮންގް ޔަންގް އިންތިހާބު ކޮށްފިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ކިމް އެމަގާމަށް އިންތިހާބު ކުރީ އިންޓަޕޯލްގެ 194 މެމްބަރު ގައުމުން ބައިވެރިވި އަހަރީ ކޮންގްރެސްގައެވެ. އެމަގާމަށް ކިމް އާއި އެންމެ ގާތުން ވާގަ ކޮށްފައިވަނީ ރަޝިއާގެ އެލެގްޒެންޑާ ޕްރޮކޮޕްޗުކް އެވެ.

ނަމަވެސް އެލެގްޒެންޑާ އެމަގާމަށް އައްޔަނު ކޮށްފިނަމަ، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ފާޑުކިޔާ ފަރާތްތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކޮށްފާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިންޓަޕޯލްގެ މޮސްކޯ ބިއުރޯގެ ވެރިޔާގެ މަގާމުގައި އެލެގްޒެންޑާ ހުންނެވިއިރު، ރަޝިއާގެ ސަރުކާރަށް ފާޑު ކިޔާ ފަރާތްތައް ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ސިސްޓަމް ބޭނުން ކުރެއްވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އިންޓަޕޯލްއަށް އައު ރައީސަކު އައްޔަނު ކުރީ، އެމަގާމުގައި ކުރިން ހުރި މެންގް ހޮންގް ވެއި، މިދިޔަ ސެޕްޓެމްބަރ މަހު ވަޑއިގެންނެވި ފަހުން ވީނުވީއެއް ނޭނގި ގެއްލުމުންނެވެ. ޗައިނާ އިން ފަހުން ބުނެފައިވަނީ، ކޮރަޕްޝަންގެ މައްސަލައެއްގައި ހޮންގްވެއި ހައްޔަރު ކުރީ ކަމަށް ބުނެފައެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އިންޓަޕޯލް އިން ވަނީ ހޮންގްވެއިގެ އިސްތިއުފާ ސިޓީއެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

މިއަދު އޮންލައިން