ކޮންމެ ޕާޓީއެއްގައި ހުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކުރާ ބައަކަށްވުމަށް ޖޭޕީގެ ލީޑަރު. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް މަޖިލިސް މެންބަރުންނަށް ގޮވާލައްވައިފިއެވެ.
މަޖިލީހުގެ 2 މެނަބަރަކު ޖުމްހޫރީ ޕާޓީ ޢާއި ގުޅުމަށް ޖުމްހޫރީ ޕާޓީގެ މައިމަރުކަޒު، މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީގެ ލީޑަރުގެ ހައިޞިއްޔަތުންނާއި މަޖިލީހުގެ ރައީސްގެ ހައިޞިއްޔަތުންވެސް މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވަނީ އިސްލާމް ދީނަށާއި ދިވެހި ޤައުމަށާއި ޤައުމުގެ ޤާނޫނު އަސީއަށާއި ޑިމޮކްރެޓިކް ހަމަތަކާއި އުޞުލުތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ވާންވާނީ ވަކި ޕާޓީއަކަށް އަދި ވަކިކުލައަކަށް ބެލުމެއްނެތި ރައްޔިތުންނަށް ޚިދުމަތްކުރާ ބައަކަށް ކަމަށާއި އިސްލާމީ އުޞޫލަކީވެސް އެއީ ކަމަށެވެ. އަދި އެހާރާއި މިހާރުގެ ވިސްނުންތެރިން ބުނަމުން ގެންދަނީ ވެސް އެ އުޞޫލުން ކަންކަން ކުރުމަށް ކަމަށެވެ.
"ތަފާތު ކުލަތައް ޖެހެމުން މިދާ ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިއެރުމަށް އަދި ޖޫޑިއަޝީ އާއި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ކުރިއަރުވަން އިޚްލާޞްތެރިކަމާއިއެކު އަބަދުވެސް ގަދައަޅައި މަސައްކަތް ކުރަމުން އަންނަ ޕާޓޢީއެއް ކަމުގެ ޔަޤީންކަން މިއަދުވެސް އަޅުގަނޑު ރައްޔިތުންނަށް އަރުވަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.