އަޅުގަނޑު މިއައީ ބަޑިޖަހަން ދަސްކޮށްދޭކަށްނޫން - ޤާނޫނާ އެއްގޮތަށް ކަންކަން ކުރަން ހަނދާންކޮށްދޭން: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އަޅުގަނޑު މިއައީ ބަޑިޖަހަން ދަސްކޮށްދޭކަށްނޫން - ޤާނޫނާ އެއްގޮތަށް ކަންކަން ކުރަން ހަނދާންކޮށްދޭން: މާރިޔާ

ޑިފެންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތީ ސިފައިންނަށް "ބަޑިޖަހަން ދަސްކޮށްދީ ސިފައިންގެ ސަފުތައް ރުކުރުވާލާނެ ގޮތް ދަސްކޮށްދޭން" ނޫން ކަމަށާއި ޤާނޫނު އަސާސީ އާއި އެއްގޮތަށް ކަންކަން ކުރަން ސިފައިންނަށް ހަނދާންކޮށްދެއްވަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރުގެ ހައިޞިއްޔަތުން ސިފައިންނާއި ބައްދަލުކުރައްވަން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ސިފައިންގެ މުއައްސަސާ ހިންގަނީވެސް އަދި ދައުލަތުގެ އެހެން ޚަރަދުތައް ކުރަނީވެސް ޓެކްސްގެ ގޮތުގައި ރައްޔިތުން ސަރުކާރަށް ދައްކާ ފައިސާ އިންކަން އެންމެންވެސް ޤަބޫލުކުރަން ޖެހޭނެ ކަމަށާއި އެހެންކަމުން ހުރިހާ ކަމެއްގައިވެސް ތެދުވެރިވާން ޖެހޭނެ ކަމަށެވެ. "ރައީސުލްޖުމްޙޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮރަޕްޝަނަށް ގެންގުޅުއްވަނީ ޒީރޯ ޓޮލެރެންސް ޕޮލިސީ. ސިފައިންގެ އެއްވެސް ބޭކަލެއްގެ ކިބައިން އަދި ބޭކަނބަލެއްގެ ކިބައިންވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ފެންނާކަށް ބޭނުމެއް ނުވާނެ. މިކަންކަން އަބަދުވެސް ހަނދާނުގަ ބަހައްޓަންވާނެ."

މާރިޔާ ވިދާޅުވީ ދިވެހި ސިފައިންގެ މުއައްސަސާއަކީ ޤާބިލް، ރައްޔިތުންނަށް އިތުބާރު ހިފޭ މުއައްސަސާއަކަށް ހައްދަވާނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައި ކަމަށާއި ސަރުކާރަށް ކޮށްދެވޭނެ ކަމަކީ ކަންކަން ކުރެވޭނެ ގޮތް ފަހިކޮށްދީ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ. ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ހުރިހާ މުވައްޒިފުންގެ ޒިންމާއެއް ކަމަށެވެ. "ސިފައިންގެ ހަމަ އެންމެ ބޭކަލަކަށް ކުރެވޭ ކަމަކުންވެސް މުޅި މުއައްސަސާގެ ދާނީ ވެއްޓި ކިލަނބުވެގެން. ސިފައިންނަކީ ޔުނިފޯމް އަޅޯައިގެން ތިބޭ ބައެއް. އެ ޔުނިފޯމުގަ ހުންނަ މީހަކު ނުރަނގަޅު ކަމެއް ކުރީމާ ރައްޔިތުން ބުނާނީ ސިފައިންނޭ. އެހެންވީމާ ރައްޔިތުންގެ އިތުބާރު ހޯދަން ޤާނޫނީ ބާރުވެރިކަމާ ވަސީލަތްތައް ހޯދައި ދެވިދާނެ. ނަމަވެސް ރައްޔިތުން ތިއަބޭކަލުންގެ އަމަލުތަކަށް އިންޞާފްކުރާނީ ތިއަބޭކަލުންގެ އަމަލުތަކުން."

މާރިޔާ ވިދާޅުވީ މިޒަމާނުގައި ކޮންމެ މީހަކީ ރިޕޯޓަރެއް ކަމަށާއި އަތުގައި އޮންނަ ފޯނު ބޭނުންކޮށްގެން އެމީހުންނަށް ފެންނަ ކަންކަން ހާމަކުރާނެ ކަމަށެވެ. މީސްމީޑިއާ ނުހުއްޓުވޭނެ ކަމަށާއި ކަންކަން ރަނގަޅުކުރަން އޮތް ކަމަކީ ކަންކަމުގެ ތަފްޞީލު ހާމަކުރަމުން ގެންދިއުން ކަމަށެވެ. ރައްޔިތުން ކަންބޮޑުވާ ކަންކަމުގެ މައުލޫމާތު ހާމަކުރަމުން ގެންދާނަމަ މައްސަލަތައް ދާނީ ޙައްލުވަމުން ކަމަށެވެ.  

މިއަދު އޮންލައިން